އެމެރިކާގެ ފްލޮރިޑާ އަށް ނިސްބަތްވާ އަންހެނަކު އޭނާގެ އުމުރުން 10 އަހަރުގެ ފިރިހެން ދަރިފުޅު ފެންވަރަން ނުގޮސް ގޭމް ކުޅެން އިނުމުން އެ ކުއްޖާގެ އަނގަ މަތީގައި ޖެހުމުން ކޮލުގެ ކަށިގަނޑު ނެއްޓިއްޖެއެވެ.

އުމުރުން 35 އަހަރުގެ އޭން ޕެރޫޖިއާ އޭނާގެ ދަރިފުޅުގެ އަނގަ މަތީގައި ޖަހާފައި ވަނީ އޭނާ ކޮޓަރި އަށް ވަތް ގަޑީގައި އަތް މުއްކަރުވާފައި ކަމަށް އޭނާގެ ދަރިފުޅު ވަނީ ފުލުހުން ކައިރީގައި ބުނެފައެވެ. ޕެރޫޖިއާ ދަރިފުޅުގެ އަނގަމަތީގައި ޖަހާފައި ވަނީ ސްކޫލުން އައި ގޮތަށް އެ ގޭމް ކުޅެން އިނދެ، ނިދާ ގަޑި ޖެހުނު އިރުގައި ފެންވެސް ނުވަރައި އެކަން ކުރަން އިނުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕެރޫޖިއާ ކޯޓުގައި

ޕެރޫޖިއާގެ ދަރިފުޅު ކުޅެން އިނީ ރާއްޖޭގައިވެސް ވަރަށް މަޝްހޫރު ގޭމެއް ކަމުގައިވާ "ފޯޓްނައިޓް" އެވެ. ދަރިފުޅު ގައިގައި ޖެހި މައްސަލާގައި ކުޑަކުއްޖަކަށް އަނިޔާ ކުރުމުގެ ދައުވާ އުފުލާފައި ވީ ނަމަވެސް، އޭނާ ވަނީ އެ ދައުވާ އަށް އިންކާރު ކޮށްފައެވެ.

ޕެރޫޖިއާ ބުނާ ގޮތުގައި އޭނާ ގާތު ފެންވަރަން ދާން ބުނުމުން ވަރަށް ރުޅިގަދަވެފައި އޭނާ އަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމުގެ ޝަކުވާ ކުރުމަށް ފަހު ވަނީ ކޮޓަރިއަށް ވަދެފައެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ފެނުނީ ފޮއްޓަށް އެއްޗެހި އަޅައިގެން އޭނާގެ ބައްޕަ އަށް ގުޅާފައި ބަލާ އަންނަން ބުނިތަން ކަމަށް ޕެރޫޖިއާ ވަނީ ބުނެފައެވެ.

އޭނާގެ ދަރިފުޅު ބައްޕަ އާއި އެކު އެތަނުން ދިއުމުގެ ކުރިން ޕެރޫޖިއާގެ ކާރަށް ވަނީ ގާވެސް އުކާފައެވެ. އޭނާގެ މައިންބަފައިން އުޅެނީ ވަރިވެގެންނެވެ. މިހާރު މި މައްސަލަ ކުރިއަށް ދާއިރު އޭނާގެ ބައްޕަ އަށް ދަރިފުޅު ނުބެލޭ ކަމުން ބެލުން ހަވާލު ކޮށްފައި ވަނީ އެ ކުއްޖާގެ ބޮޑު ދައިތަ އާއެވެ.