އިންޑިޔާގެ ނިޒާމާބާދުގައި ކުޑަކުއްޖަކު ރޭޕުކުރި ފިރިހެނަކު، ރަޖަމުކޮށްގެން މަރާލައިފިއެވެ. މި އަދަބު ދީފައިވަނީ ސައްޔާނާ ނަމަކަށް ކިޔާ އުމުރުން 45 އަހަރުގެ މީހަކަށްކަމަށް ނޫސް ރިޕޯޓުތައް ބުނެއެވެ.
އެޤައުމުގެ ނޫސްތަކުން އިއްޔެ ބުނެފައިވާ ގޮތުގައި މި މީހާ ރަޖަމުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އެމީހާ ނިސްބަތްވާ އަވަށުގެ ރައްޔިތުން މިކަންކޮށްފައިވާއިރު، ރަޖަމުކުރިއިރު ސައްޔާނާ ބަހައްޓާފައި ހުރީ ގަހެއްގައި އައްސާފައިކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.
އެއަވަށުގެ ބައެއް ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ބުނެފައިވާ ގޮތުގައި، މީގެ ކުރިން އެއަވަށުގައި މީހަކު ރަޖަމުކޮށްގެން އަދަބެއް ދީފައިވެއެވެ. އަދި، ބަދުއަޚުލާޤީ ޢަމަލު ހިންގި މީހާ ރަޖަމުކުރި މީހުން ހޯދުމުގެ މަސައްކަތް، ފުލުހުން ކުރަމުންދާކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.
މީގެއިތުރުންވެސް، "ޓައިމްސް އޮފް އިންޑިޔާ" އިން ބުނެފައިވާ ގޮތުގައި މި ކުޑަކުއްޖާ ރޭޕުކޮށްފައިވާކަން އެނގުނީ، ގެއެއްގެ ތެރެއިން އެކުއްޖާ ރޮމުން ނިކުތުމުންނެވެ. އެވަގުތު އެކުއްޖާއަށް ބައެއް އަނިޔާތައް ލިބިފައިވާއިރު، ކުއްޖާގެ އެކި ތަންތަނުން ލޭ އޮހެރެމުން ދިޔަކަމަށްވެސްވެއެވެ.
ޓެލެންގަނާގެ ނިޒާމާބާދު ސަރަޙައްދަކީ މައޮއިސްޓުންގެ ބާރު ގަދަ ސަރަޙައްދަކަށްވާއިރު، އެސަރަޙައްދުތަކުގައި ރައްޔިތު ކޯޓުތަކުން މީހުންނަށް އަދަބު ދިނުމަކީ ކޮށް އުޅޭ ކަމެކެވެ. އަދި، މި މީހާ ރަޖަމުކުރުމަށްވެސް އަމުރުކޮށްފައިވަނީ މިފަދަ ރައްޔިތު ކޯޓަކުންކަމަށް ބެލެވޭކަމަށްވެސް ޓައިމްސް އޮފް އިންޑިޔާގައި ބުނެފައިވެއެވެ.
އަމިއްލަ ގައުމުގައި އިންޑިޔާއަށް އެއުޅެނީ ބާރު ނުފޯރުވިގެން، އަމިއްލަ ކޯޓްތައްހަދައިގެން އުޅޭވާހަކަ އެދައްކަނީ، އެކަމަކު، ޗައިނާޔަށް ބިރުދައްކަން ފަރިތަކުރުންތަކެއް ބާއްވަނީޔޯ!