ފޭސްބުކަކީ ދެ މިޔަ ލީ ކަނޑިއެއްކަމަށާއި ފޭސްބުކުގެ ބޭނުންވެސް ބަޔަކު ނަހަމަގޮތުގައި ހިފައިދާނެކަމަށް އެކުންފުނީގެ ސީއީއޯ، މާކް ޒަކަބާގު ބުނެފިއެވެ. ޒަކަބާގު މިހެން ބުނެފައިވަނީ، ފޭސްބުކުން މައުލޫމާތު ލީކުވި މައްސަލައިގައި، އިއްޔެ އޭނާ ނެރުނު ބަޔާނެއްގައެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހަށް ހާޟިރުވުމަށް އަންގާފައި އެންގުމުގެ ކުރިން ޒަކަބާގު ނެރެފައިވާ ބަޔާނުގައި އޭނާވަނީ އެކަމަށް މަޢާފަށްވެސް އެދިފައެވެ.

މި ބަޔާނުގައި ޒަކަބާގުވަނީ ފޭސްބުކުން ބައެއް ކަންކަން ހުއްޓުވުމަށް އެދެވޭ ފިޔަވަޅު ނޭޅޭކަމަށްވެސް އެއްބަސްވެފައެވެ. އެގޮތުން ފޭކު ޚަބަރާއި ނަފުރަތު އުފެދޭ ގޮތަށް ފަތުރާ ވާހަކަތަކާއި، ބައެއް ޤައުމުތަކުގެ އިންތިޙާބުތަކަށް ފޭސްބުކު ބޭނުންކޮށްގެން ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންކަން އަދި މައުލޫމާތު ލީކުވުން ހުއްޓުވުމަށް އެދެވޭ މަސައްކަތްތައް ނުކުރެވޭކަމާއި ފިޔަވަޅުތައް ނޭޅޭކަމަށްވަނީ ބުނެފައެވެ.

ޒުވާން ބިލިޔަނަރު އިތުރަށް ބުނެފައިވަނީ މިފަދަ މައްސަލަތައް ހުއްޓުވުމަށް މިހާރުވެސް މަސައްކަތްތައް ކުރަމުންދާކަމަށާއި މިކަންކަން ހުއްޓުވުމަށް އެދެވޭ ފިޔަވަޅުތައްވެސް އަޅަމުން ގެންދާނެކަމަށެވެ.

ބަޔާން ނިންމާލަމުން އޭނާ ބުނެފައިވަނީ ފޭސްބުކުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު ވާޖިބެއްގެ ގޮތުގައި ދެކެނީ އަދި އަބަދުވެސް އެންމެ ބޮޑު ވާޖިބަކަށްވާނީ މީހުން ގުޅުވައިދިނުންކަމަށެވެ.

ވަގަށް އެތައް ބައެއްގެ މައުލޫމާތު، ފޭސްބުކު މެދުވެރިކޮށް ހޯދާފައިވަނީ އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭނުގައި ހަރަކާތްތެރިވި ކޭމްބްރިޖް އެނަލިޓިކާ ކުންފުނިންނެވެ.