ބޮލީވުޑްގެ މަޝްހޫރް ފިލްމީ ތަރި ދިޕިކާ ޕަދުކޯނާއި ކުޅަދާނަ އެކްޓަރު ރަންވީރް ސިންގްގެ ކައިވެނީގެ ވާހަކަ އަކީ މިހާރަކަށް އައިސް އެންމެ ގިނައިން ދެކެވޭ އެއް ވާހަކައެވެ. އިންޑިއާގެ އެކިއެކި ރިޕޯޓުތަކުން އެކިފަހަރު އެކި ވާހަކަ ފަތުރަމުންދާއިރު، އެންމެ ފަހުން އިވުނު އެއް ވާހަކައަކީ މި ދެ ފަންނާނުންގެ ކައިވެނި މިއަހަރު ފަހު ކޮޅުގައި ކުރެވިގެންދާނެ ވާހަކައެވެ. އެހެންނަމަވެސް ދާދި ފަހުން ރަންވީރް މި ވަނީ މިކަން ދޮގުކޮށްފައެވެ.

އިންޑިއާގެ މެގެޒިން އެއް ކަމުގައިވާ 'ސްޕައިސް ރޫޓް މެގަޒިން' ގައިވާ ގޮތުގައި، ރަންވީރް ވަނީ މި އަހަރު ފަހު ކޮޅު އޭނާއާއި ދިޕިކާގެ ކައިވެނި ކުރެވިގެންދާނެ ވާހަކަ ދޮގުކޮށްފައެވެ. އަދި ކައިރި މުސްތަޤްބަލެއްގައިވެސް ކައިވެނި ކުރަން ނުވިސްނާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ދެމީހުންވެސް މަސައްކަތްތަކުގަ ވަރަށް ބިޒީކޮށް މި އުޅެނީ. އަދި ދިޕިކާ ބުރަކަށީގެ މައްސަލަތަކެއް ކުރިމަތިވެގެން އުޅެނީވެސް. އެހެންވެ އެހާ އަވަސް އަރުވާލައިގެނެއް ނޫޅެން." ރަންވީރް ބުނެފައިވެއެވެ.

އިތުރަށް އޭނާ ބުނީ، މި އަހަރު ތެރޭގައި ޔަޤީނުންވެސް ކައިވެނި ނުކުރާނޭ ކަމަށާއި ކައިވެނީގެ ފައިނަލް އެނައުންސްމެންޓެއް ދޭން ވެއްޖެ ނަމަ ލަސްނުކޮށް އާންމު ކުރާނެކަމަށެވެ.

ރަންވީރެކޭ އެއްފަދައިން ދިޕިކާވެސް ވަނީ މި އަހަރު ކައިވެނި ކުރަން ނިންމާފައި ނުވާ ކަމަށް އެއްބަސްވެފައެވެ.