މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، ސެމްސަންގުން ޖައްވަށް ފޮނުވާލާފައިވާ ސެޓެލައިޓެއް، އެމެރިކާގެ މިޗިގަންއަށް ވެއްޓިއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި މި ސެޓެލައިޓް ވެއްޓިފައި ވަނީ، މިޗިގަންގެ ދެމަފިރިއަކު ދިރިއުޅެމުންދާ އެމީހުންގެ ގޭގެ ގޯތިތެރެއަށެވެ.

މި މަންޒަރު ފެންނަ ފޮޓޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އުމުރުން ދުވަސްވީ އެ ދެމީހުން ސެޓެލައިޓާއެކު ނަގާފައިވާ ފޮޓޯތައްވެސް ވަނީ އާންމުވެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިފައި ނުވާއިރު، މަތިން ބާރުދުވެލީގައި އައިސް ބިންމަތީގައި ޖެހުމުން ސެޓެލައިޓަށް ގެއްލުން ލިބިފައި ވެއެވެ. ނަމަވެސް އޭގައި ހުރި އިކުއިޕްމަންޓުތައް ހުރީ ބިންމަތީގައި ޖެހުމުންވެސް ހިނގަހިނގައި ކަމަށް ވެއެވެ.

މި ސެޓެލައިޓަކީ ޖައްވުގައި ފުރަތަމަ ފަހަރަށް ސެލްފީއެއް ނެގުމަށް ސެމްސަންގުން ފޮނުވާލި ސެޓެލައިޓެކެވެ. މި ސެޓެލައިޓުގައި ދެ ސޯލާ ޕެނަލާއި ސެމްސަންގް ފޯނެއްގެ އިތުރުން ދެ ކެމެރާ ހަރުކޮށްފައި ހުއްޓެވެ. މިއީ ސެމްސަންގުން އެ ކުންފުންޏަށް އާންމުންގެ ތަރުޚީބު ހޯދުމުގެ ބޭނުމުގައި ހިންގި ކެމްޕޭނެއްގެ ތެރެއިން ޖައްވަށް ފޮނުވާލާފައިވާ ސެޓެލައިޓެކެވެ.

ސެޓެލައިޓް ވެއްޓުމާއި ގުޅިގެން ސެމްސަންގުންވެސް ބަޔާނެއް ނެރެފައި ވެއެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ސެޓެލައިޓް އެގޮތަށް ވެއްޓިފައި ވަނީ މޫސުން ގޯސްވުމާއި ގުޅިގެންނެވެ. މި ސެޓެލައިޓަކީ ޖައްވުގައި ދައުރުވުމަށްފަހު އޭގައިވާ ޚާއްސަ ޕެރެޝޫޓެއްގެ އެހީގައި ބިމަށް ތިރިކުރާ ގޮތަށް އުފައްދާފައިވާ ސެޓެލައިޓެކެވެ. ނަމަވެސް ދިމާވި މައްސަލައަކާއި ގުޅިގެން ޕެރެޝޫޓުގެ ބޭނުން ނުހިފި ސެޓެލައިޓު ވެއްޓުނީއެވެ.

މި ސެޓެލައިޓް މިހާރު ވަނީ ސެމްސަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯކިބާ

    ތިޔާ ޖައްވުން ވެއްޓުނު އެއްޗެއްނޫން، ޖައްވުން ވެއްޓޭ އެއްޗެއް ބިމާހަމަވުމުގެކުރިން އަނދާހުލިވާނެ، ތިޔާ ފުއްޕާހަމެއްގަ ޖަހާފަ މައްޗަށްއަރުވާފަ އިންދާ ވެއްޓުނުއެއްޗެއް.

    22
    3
    • Anonymous

      ކޮބާ ފުއްޕާހަން؟

  2. ރޮނޑާ

    މިސެޓްލައިޓް އަހަރެންގެ ގޯތި ތެރެ އައް ވެއްޓުނު ނަމަ ކިހާ ރަނގަޅު.

    3
    2