ލޮލުން ކުރި އިޝާރާތަކާއެކު މުޅި އިންޓަނެޓު ފަތަހަކޮށް، މަދު ވަގުތުކޮޅެއްގެ ތެރޭގައި މަޝްހޫރުކަން ހޯދި ޕްރިޔާ ޕްރަކާޝް ވާރިޔާގެ މައްސަލަތަކެއް އަނެއްކާވެސް ހުށަހަޅައިފިއެވެ.

ކުރިން ޕްރިޔާ ހަރަކާތްތެރިވާ މަލަޔާލަމް ފިލްމެއްގައި ހިމެނޭ ލަވައަކާ ގުޅިގެން، އޭނާއާއި ފިލްމުގެ ޕްރޮޑިއުސަރުންގެ މައްސަލައެއްވެސް ކޯޓުތަކުން ބަލާފައިވެއެވެ.

މިފަހަރު ޕްރިޔާއާ ދެކޮޅަށް ކޯޓަށް މައްސަލަ ވައްދާފައިވަނީ އިންޑިޔާގެ ހައިދަރުއާބާދުގެ ޕާޓީތަކަކުންނެވެ. އެފަރާތްތަކުން ޕެޓިޝަނަކާއެކު ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު ބުނެފައިވަނީ ޕްރިޔާ ލޮލުން ކުރި އިޝާރާތަކީ ދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަމުގައެވެ. އެހެންނަމަވެސް، އެކަމުގެ ތަފްސީލެއް އެޕާޓީން ދީފައެއް ނުވެއެވެ.

ދާދިފަހުން މި މައްސަލަ ކޯޓަށް މައްސަލަ ހުށަހަޅާފައިވީނަމަވެސް، ކޯޓުން މައްސަލަ ބަލައިގެނަ، އިތުރަށް ކުރިއަށް ގެންދާނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ނިންމާފައިނުވާކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޕްރިޔާ މަޝްހޫރުވިއިރު، ބޮލީވުޑު ފިލްމަކުންވެސް އޭނާ ފެންނަން އުޅޭކަމުގެ އަޑުތަކެއް ފެތުރުނެވެ. އޭރު ރަންވީރު ސިންގާއެކު "ސިމްބާ" އިން އޭނާ ފެންނާނެކަމުގެ ވާހަކަތަކެއް ދެކެވުނުކަމުގައިވިޔަސް އެކަން ފަހުންވަނީ ދޮގުކޮށްފައެވެ. ސިމްބާ އިން ފެނިގެންދަނީ ސާރާ އަލީ ޚާނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕާރޓީ ލީޑަރުންގެ ހިތްތައް ފަތަހަ ވީ ދޯ!! 😂