ފިލިޕީންސްގެ އެންމެ ބޮޑު އެއާޕޯޓުގައި ތާށިވެފައިވާތާ 2 ހަފްތާއެއްހާ ދުވަސްވެފައިވާ އީރާނުގެ ރީތީގެ ރާނީއަކު، އޭނާ ޤައުމަށް ޑީޕޯޓް ކޮށްލައިފިނަމަ މަރާލާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދާދިފަހުން ފިލިޕީންސްގައި ބޭއްވި ބައިނަލްއަޤްވާމީ ރީތީގެ ރާނީ ހޮވުމަށް ބޭއްވި މުބާރާތުގައި ބައިވެރިވި ބަހަރޭ ޒާރީ ނަމަކަށް ކިޔާ އީރާނުގެ ރީތީގެ ރާނީއަކު ބުނިގޮތުން އޭނާގެ އަޑުކަނޑުވާލުމަށް އީރާނުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ފިލިޕީންސްގެ ވެރިރަށް، މެނީލާގެ މައި އެއާޕޯޓުގައި، ޒާރީ، އިމިގްރޭޝަނުގެ ބެލުމުގެ ދަށުން ބަންދުކޮށްފައިވަނީ ދުބާއީ އަށް ގޮސް އެނބުރި ފިލިޕިންސްއަށް އައިތަނުންނެވެ. ޒާރީ އަކީ 2014 ވަނަ އަހަރުން ފެށިގެން ފިލިޕީންސްގައި އުޅެމުންދާ އަންހެނެކެވެ.

ފިލިޕީންސްގެ އިމިގްރޭޝަނުން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ފުލުހުންގެ މައި އޭޖެންސީ، އިންޓަޕޯލުން، ޒާރީ ހައްޔަރުކުމަށް ރަތް ނޯޓިސް އެއް ނެރެފައިވާ ކަމަށެވެ. ޒާރީ ބުނިގޮތުން އެއީ އޭނާގެ އުފަން ޤައުމު، އީރާނުން އެދިގެން ނެރެފައިވާ އަމުރެއް ކަމަށް އިމިގްރޭޝަންގެ އޮފިޝަލަކުގެ ފަރާތުން އޭނާއަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރަން އުޅެނީ އެޤައުމުގެ ސަރުކާރާ ދެކޮޅު ކަން ހާމަކޮށްފައިވާތީ ކަމަށް ޒާރީ ދެކެއެވެ.

"އަހަރެން މިޤައުމުގައި އުޅޭތާ 5 އަހަރު ވެއްޖެ. އަހަރެން އެމީހުން ކައިރީގައި އެތައް ފަހަރަކު ބުނެފިން، އަހަންނާ ދެކޮޅަށް ކިހިނެތްހޭ އީރާނުގައި ކްރިމިނަލް މައްސަލައެއް އޮންނާނީ، އަހަރެން އެތަނުގައި ދިރިނޫޅޭ އިރު." ރިޕޯޓަރުން ކައިރީ ޒާރީ އޭނާގެ ކަންބޮޑުވުން ހިއްސާކުރިއެވެ. ޒާރީ އަކީ 1979 ވަނަ އަހަރު އީރާނުގެ އިންޤިލާބުގައި ވެރިކަމުން ދުރުކުރެވުނު ރިޒާ ޝާހް ޕަހްލާވީގެ ފިކުރުގެ މީހެކެވެ. އަދި އޭނާ އެންމެ ފަހުން ބައިވެރިވި ރީތީގެ މުބާރާތުގައިވެސް ޒާރީ ވަނީ އީރާނުގެ ކުރީގެ ވެރިޔާގެ ފޮޓޯއެއް ބޭނުންކޮށްފައެވެ. އަދި އޭނާ ލައިގެން ހުރީވެސް އެ ވެރިކަމުގެ ދިދަ ރަމްޒުކޮށްދޭ ހެދުމެކެވެ.

ފުލުހުން ޒާރީ ހައްޔަރުކުރަން އުޅުމުން އޭނާ އާއި، އަދި އެކުގައި ހުރި އޭނާގެ ރައްޓެއްސަކު ވަނީ ޒާރީ ހައްޔަރުކޮށްގެން އީރާނަށް ގެންގޮސްފި ނަމަ އެޤައުމުން އޭނާ މަރާލާނެ ކަމަށް ފުލުހުން ކައިރީގައި ބުނެ، ރޮއެ، އާދޭސްކޮށްފައެވެ. ޒާރީގެ މައްސަލައިގައި ފިލިޕިންސްގެ ކަމާބެހޭ އިދާރާތަކުން ގޮތެއް ނުނިމި، އަދިވެސް އޭނާ ހުރީ އިމިގްރޭޝަން ބެލުމުގެ ދަށުގައެވެ. އޭނާ ވަނީ އެޤައުމުގެ ޙިމާޔަތަށްވެސް މިހާރު އެދިފައެވެ. އެ މައްސަލައިގައި އދ. ގެ ހިއުމަން ރައިޓްސް ވޮޗް އިން ވަނީ އިންޓަޕޯލުން މިކަހަލަ ހައްސާސް މައްސަލަތަކުގައި ރެޑް ނޯޓިސް ނެރެމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.