ބޮލީވުޑްގެ ދުވަސްވީ ތަރި އަމީތާބް ބަޗަންގެ ގޭގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުރިއަށްދިޔަ ދިވާލީ ޕާޓީން ތެރޭން ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އައިޝްވާރިޔާ ރާއީގެ މެނޭޖަރ އަރްޗާނާ ސަޑަނަންޑް ލެހެންގާ ސަލާމަތްކޮށްދިނީ ޝާހްރުކް ޚާން ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ

މި އަލިފާނުގެ ހާދިސާ ހިނގީ ސަޑަނަންޑްގެ ލައިގެން ހުރި ހެދުމުގައި އަލިފާން ރޯވެގެންނެވެ. އެ އަލިފާންގަނޑު ނިއްވާލާފައި ވަނީ ޝާހް ރުކް އެވެ.

ސަޑަނަންޑް އަކީ އައިޝްވާރިޔާގެ މެނޭޖަރެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ އަދި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އޭނާއަށް މިހާރު މުމްބާއި ނަނަވަތީ ހޮސްޕިޓަލްގެ އައިސީޔީގައި ދަނީ ފަރުވާދެމުންނެވެ. އޭނާއަށް އައިސީޔޫގައި ފަރުވާދެމުން ދަނީ ޖަރާސީމު ހެދުން ދުރުކޮށް ދިނުމަށް ކަމަށް ވެއެވެ.

ޑޮކްޓަރުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އެ ހާދިސާގައި ސަޑަނަންޑް ގެ ހަށިގަނޑުގެ 15 އިންސައްތަ ފިހިފައި ވެއެވެ. އޭނާގެ ފިހިފައި ވަނީ ކަނާތު ފަޔާއި ދެ އަތެވެ. މި ހާދިސާގައި ޝާހް ރުކްއަށްވެސް ގެއްލުން ވިއެވެ.

މި ހާދިސާ ހިނގާފައި ވަނީ، އެރޭ 3:00 ޖެހިހާއިރުއެވެ. އެއިރު އެގޭގައި ތިބީ ޕާޓީއަށް އައި މަދު ބައެކެވެ.

މިގޮތަށް ތިއްބާ ސަޑަނަންޑް އޭނާގެ ދަރިފުޅާއެކު ކޯޓުޔާޑުގައި ތިއްބާ އޭނާ ލައިގެން ހުރި ލަހެންގާގައި އަލިފާން ރޯވީއެވެ. އެ މަންޒަރު ފެނުނު އެންމެން ތިބީ ހައިރާން ވެފައެވެ. އަދި ހަދާނެ ނަހަދާނެ ގޮތް ހުސްވެފައެވެ.

އެންމެ ފަހުން އޭނާ ސަލާމަތް ކުރުމަށް ދުއްވައިގަތީ ޝާހް ރުކް އެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ސަޑަނަންޑް ގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

ޝާހް ރުކް އެ ޕާޓީއަށް ގޮސްފައި ވަނީ އޭނާގެ އަނބިމީހާ ގައުރީ ޚާން އާވެސް އެކުގައެވެ. އެ ޕާޓީއަށް ވިރާތް ކޯލީ އާއި އަނުޝްކާ ޝަރްމާ ރީޝީ ކަޕޫރް އާއީ ނީތީ ސިންގ، ޕަރްނީތީ ޗޯޕްރާވެސް ދިޔައެވެ.