މަޝްހޫރު އެމެރިކަން އެކްޓްރެސް މެގަން މާކަލް އާއި އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ޕްރިންސް ހެރީގެ ކައިވެންޏަށް ހަދިޔާ ފޮނުވުމުގެ ބަދަލުގައި، ޗެރިޓީ އިވެންޓްތަކަށް އެހީވުމަށް އެ ދެމީހުން އެދެފިއެވެ.

މިއަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ކައިވެނި ކުރުމަށް ހަމަޖެހިފައިވާ މި ދެމީހުން ވަނީ ޖުމްލަ ހަތް 'ޗެރިޓީ ޑޮނޭޝަން' ތަކެއް ކަނޑައަޅައިފައެވެ. އެއީ ހާލުގައި ޖެހިފައިވާ ގިނަ ބަޔަކަށް އެހީވުމުގެ ގޮތުން ކަމަށްވެސް އެ ދެމީހުން ބުނެއެވެ.

"އާންމު އެހީތެރިކަން އެންމެ ބޭނުން ކަންކަމަށް މި ޗެރިޓީތައް ބަހާލައިފައި މި ހުރީ. އެކަމަކު ވެޑިން ގިފްޓް ދިނުމުގެ އިހްތިޔާރުވެސް އޮންނާނެ ހަމަ. އެކަމަކު ބޮޑަށް އެދެނީ ޗެރިޓީއަށް އެ ފައިސާ ހަރަދުކުރަން." ތަރުޖަމާނު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއީ ހިތްހެޔޮކަމާއި ދީލަތިކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ.

ޗެރިޓީތައް ބަހާލައިފައިވާ ގޮތަށް ބަލާއިރު ކާރިސާއެއް ކުރިމަތިވެފައިވާ މީހުންނަށް އެހީވުމަށް ވަކި ފަންޑު ފޮއްޓެއް ހުޅުވާފައިވާއިރު، އިނގިރޭސިވިލާތުގައި ދިރިއުޅޭ އެޗް.އައި.ވީ ޕޮސިޓިވް ކުޑަކުދިންނަށް އެހީވުމަށް ވަކި ފަންޑެއް ވެސް ހުޅުވާލައިފައިވެއެވެ. އަދި އަންހެނުން ބާރުވެރިކުރުމަށް އެހީވުމުގެ ގޮތުން ކުލަބް ޖަމިއްޔާއަކަށް ހާއްސަ ފަންޑު ފޮއްޓަކާއި ކުޅިވަރަށް ހާއްސަ ފަންޑު ފޮއްޓަކާއި ތިމާވެށީގެ ރައްކާތެރިކަމަށް ހާއްސަ ފަންޑަކާއި މިނޫނަސް އެކިއެކި ފަންޑުތަކެއް ވަނީ ހުޅުވާލައިފައެވެ.

މީގެ ކުރިން 2011 ވަނަ އަހަރު ޕްރިންސް ވިލިއަމް އާއި ކޭޓް މިޑިލްޓަންގެ ކައިވެނީގައިވެސް، މި ގޮތަށް ޗެރިޓީއަކަށް އެއް މިލިއަން ޕައުންޑާއި ގާތްކުރާ ވަރަކަށް ވަނީ އެހީތެރިކަން ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު