އެއްވެސް ދެމީހަކު ކައިވެނި ކުރަނީކީ ވަރިވާން ނިއަތް ގަނެގެންނެއް ނޫނެވެ. ކޮންމެ ދެމަފިރިއަކު ވެސް ބޭނުން ވާނީ ކައިވެންޏަށް ފަހު އުފާވެރި ދިރިއުޅުމެއް އުޅޭށެވެ. ނަމަވެސް ދިރިއުޅުމަކީ ރާވާފައި އޮންނަ ގޮތައް ގިނަ ފަހަރު ކުރިއަށްދާ އެއްޗެއް ނޫނެވެ. ބައެއް ފަހަރު ވަކި ހިސާބަކުން ދެމީހުން ވަކިވާން ޖެހެއެވެ. ވަރިވާން ޖެހެއެވެ.

އެންމެ ފުރަތަމަ ވަރިފަށަށް އަރަން އުޅޭކަމުގެ އެފަދަ އެއް ހެއްކަކީ ދެ މީހުން މުޅިން ވާހަކަދެއްކުން ހުއްޓާލުމެވެ. ދެ މީހުންގެ އިހުސާސްތަކާއި މައްސަލަތަކާއި ބެހޭގޮތުން ވާހަކަނުދައްކައި މައްސަލަތައް ހައްލުނުވުމުގެ ސަބަބަކީވެސް މިއީވެއެވެ. ގޮތް ދޫނުކޮށް ދެ ފަރާތުންވެސް އެކަކާއި އަނގައިން ނުބުނެ ހުރުމުގެ ނަތީޖާއަކީ ވަރިއެވެ. ކައިވެނީގައި ގޮތް ދޫކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ބޯހަރު މީހުންނަކީ ކައިވެނިކުރަން އެންމެ އެކަށީގެންވާ މީހުންނެއް ނޫނެވެ.

ކައިވެނިކޮށްގެން އުޅޭ މީހާ ތިބާ ދައްކާ އެއްވެސް ވާހަކައަކަށް ޝައުގުވެރިކަން ނުވަތަ ސަމާލުކަމެއް ނުދިނުމަކީވެސް ވަރިފަށަށް އަރަން އުޅޭކަމުގެ ނަތީޖާއެއްކަމަށް ބައެއް ތަޖުރިބާކާރު ސައިކޮލޮޖިސްޓުން ވަނީ ބުނެފައެވެ. އެއްވެސްކަހަލަ އިހުސާސެއް ނެތި އަނެކާގެ ވާހަކަތައް އަޑު ނޭހުމަކީ ދެ މީހުން ނަފްސާނީގޮތުން ގުޅިފައި އޮންނަ ގުޅުމަށް ބުރޫ އަރާނޭ ކަމެކެވެ. އެއީ ގިނަ ފަހަރަށް އަނެއް މީހާ ތިބާގެ މަތިން ފޫހިވާކަމުގެވެސް ނިޝާނެކެވެ.

އެކަކު ކައިވެނި ދަމަހައްޓަން ކުރާ މަސައްކަތާއި އެއްހަމަޔަކަށް މަސައްކަތް ނުކުރުމަކީވެސް ވަރީގެ ނިޝާނެކެވެ. އަދި ކައިވެނީގެ އުންމީދުތައް ފުރިހަމަނުވާކަމުގެވެސް ނިޝާނެކެވެ. މާނައަކީ އަނެކާ އެ ކައިވެނީގައި އެހުރީ އުފަލުން ނޫނެކަމެވެ. އެކަމަކު ކޮންމެ ކަމަކީވެސް ވާހަކަދައްކައިގެން ހައްލުކުރެވިދާނޭ ކަންކަމެއް ނޫންތޯއެވެ؟

ވަރިއާއި ހިސާބަށް ދިޔުމުގެ ކުރިން މި ދެންނެވި ނިޝާންތަކަށް ސަމާލުވެ އެ ނިޝާންތަކުން ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަންވީއެވެ. ކައިވެންޏަކީ ކިތަންމެހާވެސް މާތް ގުޅުމެކެވެ. ވުމާއިއެކު އެހާ ފަސޭހައިން ކަންކަން ދޫކޮށްލުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހ. ހާސަރުވާދީ

    "އެއްވެސް ދެމީހަކު ކައިވެނި ކުރަނީކީ ވަރިވާން ނިއަތް ގަނެގެންނެއް ނޫނެވެ." މިއީ ކަނޑައެޅިގެން ބޮޑު ދޮގެއް.