ޕްރޮޕޯސް ކުރުމަކީ ވެސް މިހާރު އާދައިގެ ކަމެއް ނޫނެވެ. ކޮންމެ މީހަކު ވެސް ބޭނުން ވަނީ ވަރަށް މޮޅު ތަފާތު ގޮތަކަށް ޕްރޮޕޯސް ކުރާށެވެ. ބައެއް މީހުން އެކަމުގައި ކާމިޔާބު ހޯދި ނަމަވެސް އަނެއްބައި މީހުންނަށް ލިބެނީ ލަނޑެވެ.

މިފަހަރު ވެސް މިއޮތީ އެފަދަ ލަނޑެއް ލިބުނު މީހެއްގެ ވާހަކައެވެ.

ކާއެއްޗެއްގެ ތެރެއަށް އެންގޭޖްމެންޓް އަނގޮޓި ލައިގެން ޕްރޮޕޯސް ކުރުމަކީ ބައެއް މީހުން ކުރާ ކަމެކެވެ. ހާއްސަކޮށް ވަކި ކާއެއްޗެއްގެ ދެކެ މާބޮޑަށް ލޯބިވާ މީހަކަށް ޕްރޮޕޯސް ކުރާނަމަ އެކާއެއްޗެއްގެ ތެރެއަށް އަނގޮޓި ލައިގެން ޕްރޮޕޯސް ކުރެއެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ.

ރީޑް ހެރިސް އޭނާގެ ލޯބިވެރިޔާ ކޭޓްލިން ކައިރިން ކައިވެންޏަށް އެދުމަށްޓަކައި އެންގޭޖްމެންޓް އަނގޮޓި ލާފައި އޮތީ އެވަކާޑޯއެއްގެ ތެރެއަށެވެ. އަގުބޮޑު ޑައިމަންޑް އަނގޮޓި އެވަކާޑޯގެ ތެރެއަށް ލާފައި ޕްރޮޕޯސް ކުރީ ވަކި ހިސާބަކުން އަނގައިގައި އަނގޮޓި ޖެހުމުން ވެގެން އުޅޭ ގޮތެއް އޭނާ އަށް އެނގޭނެ ކަމަށް އުއްމީދު ކޮށްގެންނެވެ.

ނަމަވެސް ކަންތައްވީ އުއްމީދު ކުރި ގޮތަކަށް ނޫނެވެ. ކޭޓްލިން ވަނީ ވަކި ހިސާބަކުން އަނގޮޓި ކާލާފައެވެ. އަގުބޮޑު އަނގޮޓި އެޅުމުގެ އުފަލެއް އޭނާ އަކަށް ނުލިބުނެވެ. ބޮޑުކަމުދާއިރު އަނގޮޓި ވެއްޓޭނެ ކަމުގެ އުއްމީދު ކުރިން ކުރެވުނު ނަމަވެސް ދެން އެއަނގޮޓި ފެނިދާނެ ކަމުގެ އުއްމީދެއް ދެލޯބިވެރިން މިހާރު ނުކުރެއެވެ. އެއީ އަނގޮޓި ކާލެވުނުތާ މިހާރު މަހަކަށް ވުރެ ގިނަ ވުމުންނެވެ.

އެހެންކަމުން މިފަދަ ގޮތަކަށް ޕްރޮޕޯސް ކުރުމުގެ ކުރިން ދެވަނަ ވިސްނުމަކަށް ދާށެވެ.