އަންނަ އާދީއްތަ ދުވަހުގެ ކުރިން އަޕްޑޭޓް ނުކުރާ އެޕަލްގެ ބައެއް ފޯނުތަކާއި އައިޕެޑުތަކުގެ މުޙިންމު ބައެއް ފީޗާތައް ހުއްޓި ބޭނުން ކެނޑޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެޕަލް ކުންފުނިން މިކަން ހާމަކޮށް ބުނެފައި ވަނީ، އަޕްޑޭޓް ނުކުރާ ކުރީގެ ބައެއް އެޕަލްގެ ޑިވައިސްތަކަށް އާދީއްތަ ދުވަހުން ފެށިގެން ޚިދުމަތަކަށް ބުރޫ އަރައި ބޭނުން ނުކުރެވޭ ހާލަތަށް ދާނެ ކަމަށާއި، އެހެންކަމުން އެ މައްސަލަ ދިމާވުމުގެ ކުރީން އެ ޑިވައިސްތަކަށް އައިއޯއެސްގެ ފަހުގެ އަޕްޑޭޓް އިންސްޓޯލް ކުރަން ޖެހޭނެ ކަމަށެވެ.

އެޕަލް ކުންފުނިން ބުނެފައިވާ ގޮތުގައި، އަޕްޑޭޓް ނުކޮށްފިނަމަ ބޭނުން ކެނޑޭނީ އެ ކުންފުނިން 2013 ވަނަ އަހަރުގެ ކުރިން އުފައްދާފައިވާ އައިފޯނާއި އައިޕެޑް ތަކެވެ. އަދި އެ ޑިވައިސްތައް އަޕްޑޭޓް ކުރުމުގެ އެންމެ ފަހުގެ މުހުލަތަކީ ނޮވެމްބަރު 3 ވަނަ ދުވަހުގެ ދަންވަރު 12:00 ކަމަށް އެޕަލް އިން ބުނެފައި ވެއެވެ.

އެޕަލް ކުންފުނިން ބުނާގޮތުގައި މި މުއްދަތުގެ ކުރިން އަޕްޑޭޓް ނުކުރާ އައިފޯނާއި އައިޕެޑްތަކަށް ޖީޕީއެސްގެ މައްސަލަތަކެއް ދިމާވާނެއެވެ. އަދި އެޕަލް ސްޓޯރާއި އައިކްލައުޑުވެސް އެ ޑިވައިސްތަކުން ބޭނުން ނުކުރެވޭއިރު، އިންޓަނެޓުގެ ޚިދުމަތްވެސް ކެނޑިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިގޮތަށް ދިމާވަނީ ޖީޕީއެސް ޓައިމް ރޯލްއޯވާއެއްގެ ސަބަބުން ކަމަށް އެޕަލް އިން ބުނެއެވެ. އަދި މިއީ އެޕަލްގެ ޑިވައިސްތަކުގެ ޖީޕީއެސް އާއި "ޓައިމް އެންޑް ޑޭޓް" އެކިއުރޭޓް ކުރުމަށް ކުރެވޭ ކަމެއް ކަމަށާއި، ކޮންމެ 19 އަހަރަކުން އެއްފަހަރު މިގޮތުގެ މަތީން މިބައިތައް ރީސެޓްވެ ކުރީގެ ޑިވައިސްތައް އަޕްޑޭޓް ކުރުން މަޖުބޫރުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެޕަލްގެ މި އިންޒާރާއެކު އަޕްޑޭޓް ނުކުރާ އައިފޯން 5 އާއި އައިފޯން 4 ގެ އިތުރުން އައިޕެޑް މިނީ އާއި އައިޕެޑް 2 އަދި ތާޑް ޖެނެރޭޝަން އައިޕެޑްތަކަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ބޭނުން ކެނޑޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު