ހެއްވާ މަޖާ ކަންކަން ކުރުމުގައި ވަކި މީހެއް، ނަސްލެއް ނުވަތަ ވަކި ޖިންސެއް ނޯވެއެވެ. ދުނިޔޭގެ މަޝްހޫރު ކޮމީޑިއަނުންނަށް ބަލައިލުމުންވެސް ސާބިތުވެ ދޭހަވަނީ އެކަމެވެ. ފިރިހެނުންނެކޭ އެއްވަރަށް އަންހެނުންވެސް ކޮމީޑިއަނުންގެ ގޮތުގައި މަޝްހޫރުވެފައި ބޮޑު މަޤުބޫލުކަމެއް ހޯދާފައި ވެއެވެ. އެހެންކަމުން މި ދެބައިގެ ތެރެއިން އެއްބައެއް ހޮވުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް ކެރޮލީނާގެ ތަޖުރިބާކާރުން އިސްވެ ތިބެ ކުރި ބުރަ މަސައްކަތަކީ އެއީއެވެ. އެންމެ މަޖަލީ ފިރިހެނުންތޯ ނުވަތަ އަންހެނުންތޯ ބެލުމަށް އެ ޔުނިވާސިޓީގެ ފަރާތުން ކުރިޔަށްގެންދިޔަ ދިގު ދިރާސާގައި ދެޖިންސުގެ ޖުމްލަ ފަސް ހާހަށްވުރެ ގިނަ މީހުން ބައިވެރިކޮށްފައި ވެއެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ތަޖުރިބާކާރު، ޑރ. ގިލް ގްރީންގްރޮސް، ދިރާސާ އާއި ގުޅޭގޮތުން ލިޔެފައިވާ ލިޔުމެއްގައި ބުނެފައި ވަނީ، މަޖާ ކަމަކީ ދެޖިންސުގެ މީހުންގެ މެދުގައި ވެސް އޮތް ކަމެއް ކަމަށެވެ. ނަމަވެސް އެކަން ދެ ޖިންސުގެ މެދުގައި ހަމަހަމަ ނޫންކަން ދިރާސާއިން ހާމަވެގެންދާ ކަމަށް އޭނާ ބުނެފައި ވެއެވެ.

މި ދިރާސާގެ ބައިވެރިން ލައްވައި ދިރާސާގެ ތެރެއިން މައިގަނޑު 28 މަސައްކަތެއް ކުރުވާފައި ވެއެވެ. އޭގެތެރެއިން އެއް މަސައްކަތަކީ، ކާޓޫނެއްގެ މަންޒަރު ފެންނަ ފޮޓޯއަކަށް ކެޕްޝަން ލިޔުމެވެ. ދިރާސާގެ ބައިވެރިންގެ މި މަސައްކަތަށް ޕޮއިންޓު ދިން ފަނޑިޔާރުންނަށް އެ ކެޕްޝަންތައް ލިޔުނީ ކޮން ޖިންސެއްގެ ކާކު ކަމެއް ނޭނގެއެވެ. މިއީ އިންސާފުވެރި ގޮތެއްގައި ޕޮއިންޓު ދިނުމަށް ކަނޑައަޅާފައި އޮތް އުސޫލެއް ކަމަށް ދިރާސާގެ ތަޖުރިބާކާރުން ބުނެފައި ވެއެވެ.

މި ދިރާސާގެ ނަތީޖާ އިއުލާނުކޮށްފައި ވަނީ މިގޮތުގެ މަތީން ހަވާލުކުރެވުނު މަސައްކަތްތަކުގެ ޖުމްލަ ޕޮއިންޓަށް ބަލައިގެންނެވެ. އެގޮތުން ދިރާސާ ފުރިހަމަވެގެން ދިޔައިރު ޕޮއިންޓުގެ ގޮތުން ކުރި ހޯދީ ފިރިހެނުން ކަމަށް ޑރ. ގިލް ބުންޏެވެ.

ޑރ. ގިލް ބުނެފައިވަނީ އެންމެ މަޖަލީ ފިރިހެނުން ކަން ދިރާސާއިން ހާމަވިއެއް ކަމަކު، އެއީ އަންހެނުންގެ ކިބައިގައި ނެތް ކަމެއް ކަމަށް ދިރާސާއިން ނިންމާފައި ނުވާ ކަމަށެވެ. އޭނާ ބުނިގޮތުގައި ބައެއް ފިރިހެން ބައިވެރިންނަށްވުރެ މަޖާ އަންހެނުން ވެސް މި ދިރާސާގައި ބައިވެރިވެފައި ވެއެވެ. ނަމަވެސް ދިރާސާއިން ވަކި ގޮތެއް ނިންމާފައިވަނީ ބައިވެރިވި ހުރިހައި އެންމެންގެ އެވްރެޖު ޕޮއިންޓުން ކަމަށް އޭނާ ބުންޏެވެ.

ޑރ. ގިލް ބުނެފައިވާ ގޮތުގައި ދިރާސާއިން ހާމަވި އިތުރު ބައެއް ކަންކަމުގެ ތެރޭގައި، ހެއްވާ މަޖާ ކަންކަމުގައި ފިރިހެނުންގެ މެދުގައި ވާދަވެރިކަން ވެސް އޮވެއެވެ. އެގޮތުން އަންހެނުން "އިމްޕްރެސް" ކުރުމަށް ފިރިހެނުން އެކަކަށްވުރެ އަނެކަކު މަޖާވުމަށް މަސައްކަތްކުރާކަން ދިރާސާ އިން އެނގޭ ކަމަށް އޭނާ ބުންޏެވެ.

މިއީ މިހާތަނަށް ފުޅާ ދާއިރާއެއްގައި ކުރިޔަށްގެންގޮސްފައިވާ މިފަދަ ފުރަތަމަ ދިރާސާއެވެ. އެހެންކަމުން މި ދިރާސާގެ ހޯދުންތަކުގެ އަލީގައި އިތުރު ކަންކަންވެސް ދެނެގަތުމަށް ދިރާސާ ޓީމުން މަސައްކަތް ކުރެއެވެ. ތިން އަހަރުގެ މުއްދަތަކަށް ކުރިޔަށްގެންދިޔަ މި ދިރާސާގެ ނަތީޖާއަކީ ވަރަށް ގިނަ ބަޔަކު ބޭނުންވި ސުވާލެއްގެ ޖަވާބު ކަމަށް ޑރ. ގިލް ބުނެއެވެ.