އެޝްބީއޯގެ މަޝްހޫރު ސީރީޒް، ގޭމްސް އޮފް ތްރޯންސްގެ ތަރި ޖޭސަން މެމޯ، އޭނާގެ ގާބިލިއްޔަތު ކަމަށް މީހުން ޝައްކު ކުރާތީ ކޮންމެ ފަދަ ކަމެއް ކޮއްފާނެ ކަމަށް ބުނެ ތާފާތު ކަމެއް ކޮށްފިއެވެ.

އެގޮތުން އޭނާ ވަނީ ފޭނުންނަށް އޭނާގެ ޤާބިލްކަން ދެއްކުމަށްޓަކައި ނުރައްކާތެރި ވައްތަރެއްގެ ސާރިދޯޅަކަށް އޭނާގެ އަނގައިން ކާންދީފައެވެ. މި މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު ފޮޓޯތަކުން ފެންނަނީ އޭނާ އަނގަޔަށް ބިސްކޯދެއް ލުމަށްފަހު ސާރިދޯޅަށް އެ ކާންދޭ މަންޒަރެވެ.

ޖޭސަންގެ މި ތަފާތު ހުނަރު ދައްކާލާފައި ވަނީ ނުވަ ވަރަކަށް ފޫޓުގެ ބޮޑު ސާރިދޯޅަކާއެކު އެވެ. އެއީ އިންސާނުންނަށް ހަމަލާދޭ ނުރައްކާތެރި ސާރިދޯޅުގެ ވައްތަރެއް ކަމަށްވާ "ކޯޑިއަކް ގްރިޒްލީ ބެއާ" އެކެވެ.

ޖޭސަންގެ މި އުކުޅު މިހާރު ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައި ވާއިރު، އެފަރާތްތަކުން ދަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކަމުންނެވެ. އެފަރާތްތަކުން ބުނާގޮތުގައި ޖޭސަން އަކީ ކަންކަމަށް ކެރިގެން ކުރިމަތިލާ މީހެކެވެ.

ގޭމް އޮފް ތްރޯންސް އިން ގިނަ ބައެއްގެ ތަރުޚީބު ހޯދި ޖޭސަން ބުނެފައި ވަނީ، އޭނާގެ މި އަމަލަކީ ކުރިޔަށް އޮތް ތަނުގައި ނެރޭ އޭނާގެ އާ ސީރީޒެއްގެ އެޕިސޯޑަކަށް ކުރާ ފަރިތަކުރުން ތަކެއް ކަމަށްވެސް ބެލެވިދާނެ ކަމަށެވެ. އެ ސީރީޒްގައި އޭނާ ސާރިދޯޅާއި ކުރިމަތިލާ މަންޒަރު ފެނިގެންދާނެ ކަމަށް ޖޭސަން ބުނެފައި ވެއެވެ.

ޖޭސަން ވަނީ ދާދިފަހުން ނެރުނު ފިލްމް "އަކުއާ މޭން" އިންވެސް ފެނިގެން ގޮސްފައެވެ. މި ފިލްމަކީވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ތަރުޚީބެއް ލިބިގެންދިޔަ މޮޅު ފިލްމެކެވެ.