މަރުވި އިރު އުމުރުން 73 އަހަރުގެ ޓީނާ ވެޓްސަން އަކީ ސައި ބޯން ފޯރި ހުންނަ އަންހެނެކެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 40 ތަށި ސައި އޭނާ ބުއި ކަމަށް ވެއެވެ. އޭނާ މަރުވީ ކުއްލި ގޮތަކަށް ހިތް ހުއްޓިގެންނެވެ.

އެމީހާ މަރުވުމުން އޭނާގެ ދަރިން ބޭނުންވީ އޭނާ މަރުވުމުން ޚާއްސަ ޖަނާޒާއެއް ބޭއްވުމަށެވެ. އެއީ ޓީނާ އަކީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކެންސަރު ޖެހި އެބަލިން ސަލާމަތްވެފައި ހުރި މީހެއް ކަމަށް ވުމުންނެވެ. އަދި ކެންސަރު ޖެހުމުގެ ސަބަބުން އޭނާގެ އެއްފައި ވަނީ ބުރިކޮށްފައެވެ. އަނެއްފައިވެސް ވަނީ ސޫއްޕެއް ދަތް އެޅުމުގެ ސަބަބުން ވަކިކޮށްފައެވެ.

އޭނާގެ ދަރިންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ޓީނާ ވަނީ އޭނާ މަރުވުމުން ބޭނުން ވަނީ ބޮޑު ސައިފަތް ފޮއްޓެއްގައި ވަޅުލުމަށް އެދިފައެވެ.

ޓީނާގެ އެދުމުގެ މަތިން ސައިފަތް ފޮށްޓެއް ގޮތަށް ފަރުމާކޮށްފައި އޮތް ސަންދޯކެއްގައި އޭނާ ވަޅުލި އިރު އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ނަމަވެސް އެއްވެސް މީހަކު އެކަމާ ދެކޮޅަށް ނުވަތަ އެކަމާ ނުރުހުން ފާޅުކޮށްފައި ނުވެއެވެ.