ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި އެއް ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަން މަރުވިތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އޭނާއާ ވަރަށް އެއްގޮތް މީހަކު ފެނިގެން އުޅޭތީ، އެއީ މައިކަލް ޖެކްސަން ނޫންކަން ޔަޤީންކޮށްދިނުމަށް އޭނާގެ ޑީއެންއޭ ޓެސްޓެއް ހެދުމަށް ގިނަ ބަޔަކު ގޮވާލަމުން އެބަދެއެވެ.

ސްޕެއިންގެ ބާސެލޯނާއަށް އުފަން، ސާޖިއޯ ކޯޓެސް ނަމަކަށް ކިޔާ މީހަކު މައިކަލް ޖެކްސަން އާ މާ ބޮޑަށްވެސް ވައްތަރު ކަމަށް ބައެއް މީހުން ޤަބޫލުކުރާއިރު، ސާޖިއޯ އަކީ މިހާރު ގިނަ އަދަދެއްގެ ބަޔަކު އޮންލައިނުގައި އޭނާ 'ފޮލޯ' ވެސް ކުރާ ފަންނާނެކެވެ. ސާޖިއޯ އަށް އެހާ ބޮޑު މަޝްހޫރުކަމެއް ލިބިފައިވަނީ އޭނާ 'ކިންގް އޮފް ޕޮޕް، އެމްޖޭ' ގެ ލަވަތައް ކިޔައިގެންނާއި، މައިކަލް ޖެކްސަންގެ ނެށުމުގެ ވައްޓަފާޅިއާ އެއްގޮތަށް ސާޖިއޯ ނަށާފައިވާ ވީޑިއޯތަކުންނެވެ.

ސާޖިއޯ އަށް ބަލާލުމުން ހަމަ އަސްލުވެސް ސިފަވަނީ މައިކަލް ޖެކްސަން އެވެ. އޭނާގެ ދިގު، އިސްތަށިގަނޑާއި، މޫނުގެ ހުރި ސިފަތަކާއި، ލޮލާއި، އަދި އެހެނިހެން ކަންތައްތައްވެސް މައިކަލް އާ ވަރަށް އެއްގޮތެވެ. މި އަހަރުގެ ފަހުކޮޅު ސާޖިއޯ، ތައިލެންޑަށް ގޮސް އެޤައުމުގައި ލަވަކިޔަން ވަނީ ހަމަޖެހިފައެވެ. ސާޖިއޯ، އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ މެސެޖެއް ދީފައިވެއެވެ. "މައިކަލް ޖެކްސަންގެ ހުރިހާ ސަޕޯޓަރުންނަށް. އަހަރެން ޑިސެމްބަރު 23 ވަނަ ދުވަހު ހޮލީވުޑް ޕަޓަޔާ ގައި ލަވަކިޔާތަން ބަލަން އަންނާނެ ކަމަށް ހީކުރަން. އެންމެން ދެކެ ވަރަށް ލޯބިވޭ. އަހަރެންނަކީ ސާޖިއޯ ކޯޓެސް."

އެ ވީޑިއޯ މެސެޖު ފެނިގެން މައިކަލް ޖެކްސަން އަށް ސަޕޯޓުކުރާ ފަރާތްތައް އެ މެސެޖަށް އެތައް ހާސް ކޮމެންޓެއް ކުރަމުން އަންނައިރު، ގިނަ ބަޔަކު ވަނީ ސާޖިއޯ އަކީ އަސްލަށްވެސް މައިކަލް ޖެކްސަން ނޫންކަން ސާބިތުކޮށްދިނުމަށް އެދިފައެވެ. "ތިއީ ސާޖިއޯ ކޯޓެސް އެއް ނޫން، ތިއީ މައިކަލް ޖެކްސަން. ކޮންމެވެސް މީހަކު އޭނާގެ ޑީއެންއޭ ޓެސްޓު ހަދާބަލަ." މީހަކު މެސެޖު ކޮށްފައިވެއެވެ. "އަހަރެންނަަށް މަޢާފުކުރާތި، އެކަމަކު ޑީއެންއޭ ޓެސްޓެއް އަހަރެން ބޭނުންވޭ މިހާރު،" މައިކަލް ޖެކްސަންގެ އިތުރު ސަޕޯޓަރަކު މެސެޖްކޮށްފައިވެއެވެ.

މައިކަލް ޖެކްސަން އަދިވެސް މަރުނުވެ، ދުނިޔޭގައި އެބަހުރިކަމަށް ޤަބޫލުކުރާ މީހުންވެސް ދުނިޔޭގައި އެބައުޅެއެވެ. އެއީ މަޝްހޫރު 'ދަ ފާސްޓް އެންޑް ދަ ފިއުރިއަސް' ފިލްމު ސީރީޒް އިން ފިލްމު ބެލުންތެރިންގެ ލޯބި ހޯދާފައިވާ އެކްޓަރު، ޕައުލް ވޯލްކާ މަރުނުވާ ކަމަށް މީހުން ބުނާ ގޮތަށެވެ. އަދި އެމެރިކާގައި އުފެދުނު އެންމެ ކުޅަދާނަ އެއް ރެޕް ލަވަކިޔުންތެރިޔާ ޓުޕެކް ޝަކޫރު ވެސް ޒުވާން އުމުރުގައި މަރުނުވާ ކަމަށް މީހުން ބުނާ ގޮތަށެވެ. މިގޮތަށް ވިސްނާ މީހުން ބުނަނީ މައިކަލް ޖެކްސަން އޭނާގެ "މަރު ފޭކް" ކުރީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ޑީއެންއޭ ހެދޭނެ އޮންނަނީ އެންމެ ގޮތެއް! އެއީ ޓްރަމްޕް ކައިރީގައި ބުނެގެން ޖަނގިޔާ ވަގަށްނަގައިގެން! ޓްރަމްޕަށް ތިކަން އަންގާލަނިކޮށް ތިކަން ވާނެ!

    64
    5
  2. ޒ

    އަނެއްކާ އަނެކަކުގެ ޖަންގިޔާ ވަގަށް ނަގަން ޖެހުނީތާ...
    މަޖާކަމެއް!

    47
    4
  3. ޓްރަމްޕެޓް

    އާނ އެވެސްމިއުޅޭގަމާރުކަހަލަމީހެއް ދެފަހަރު އެކައްޗެއްނުކިޔާނެ އެއްފަހަރުބުނާނެ ބޮޑުސިއްރެކޭ އަނެއްފަހަރު އެބޮޑުސިއްރު ހާމަކުރާނެ

    13
    1