ސްމާޓްފޯނާއި ޓެކްނޮލޮޖީގެ މި ޒަމާނުގައި ކޮންމެ މީހެއްގެ އަތުގައިވެސް އޮންނަ ސްމާޓްފޯނަކީ އެޔަށް 'ލިބިދާނެ' ގެއްލުމަކުން ސަލާމަތްކުރުމަށްޓަކައި އަބަދުވެސް ފާޑެއްގެ ކަވަރެއް އެޅުވިފައި އޮންނަ އެއްޗެކެވެ. ފެން ނުވަންނަ ކަވަރު، ލެދާރ ކަވަރު އަދި ސިލިކޮން ކަވަރު ފަދަ އެތައް އެތައް ވައްތަރެއްގެ ކަވަރަކުން ފޯނު ރައްކާތެރިކުރަން މަސައްކަތްކުރާއިރު އެއީ އެކަން އޮންނަންވީ ގޮތެއް ނޫނެވެ.

އެންމެ ފުރަތަމަ ކަމަކަށް ފޯނު ޑިޒައިންކުރެވިފައި ވަނީ ކަވަރެއް ބޭނުންކޮށްގެން ފޯނުގެ ބޭރުފުށުގެ ރީތިކަން ފޮރުވުމަށްޓަކައެއް ނޫނެވެ. ގިނަ ފޯނުތަކަކީ ރީތި ޑިޒައިންކަށް ފަރުމާ ކުރެވިފައިވާ ފޯނުތަކަކަށްވުމުން އެއީ ބޭރުފުށުން ބަލަލާމީހުންނަށްވެސް އެ ފޯނުގެ ފެންވަރު ވަރަށް ރަނގަޅަށް ދައްކުވައިދޭނޭ އެއްޗިއްސެވެ.

ފޯނުގެ ރީތިކަން ގެއްލުވާލަން ބޭނުންވަންޏާ ފޯނު ކަވަރެއް އަޅުވާށެވެ. ބައެއް ފަރާތްތަކުން ވަނީ ފޯނުގެ ކަވަރުގެ ސަބަބުން ފޯނު މާ ފަސޭހައިން ހޫނުވެ އޮވާރހީޓްވާން ފަށާކަމަށްވެސް ބުނެފައެވެ. އަދި އެ އަޅުވާފައި އޮންނަ ކަވަރެއްގެ ވަރުގަދަކަމުން ފޯނުގެ ދަގަނޑުގެ ތެރެއިން އެއްޗެއް އޯވާހީޓްވާކަންވެސް ފާހަގަކުރެވިގެންދާނީ މާ ލަހުންނެވެ.

ބައެއް ފޯނު ކޭސްތައް ނުވަތަ ކަވަރުތަކަކީ އޭގެން ފޯނު ރައްކާތެރިކުރުމުގެ ބަދަލުގައި އޭގެން ފޯނަށް ގެއްލުންވެސް ކުރުވާ އެއްޗިއްސެވެ. އަތް ކައްސާލާފަދަ ފޯނު ކަވަރެއްނަމަ ޖީބުން އަވަހަށް ފޯނު ނަގަން އުޅުމުގެ ތެރޭގައި ވަރަށް ގިނަ ފަހަރަށް ފޯނު އަތުން ދޫވެ ވެއްޓެންވެސް މެދުވެރިވެއެވެ. ފޯނުގެ ކަވަރުގެ ސަބަބުން ފޯނަށް ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ލިބޭއިރު އެއީ އެއްވެސް ހާލެއްގައި ފޯނުގައި އެޅުވުން މަޖުބޫރު އެއްޗެއް ނޫނެވެ.