މީގެ ތަންކޮޅެއް ކުރިން ޒުލެއްގައި ހުރި ސިންގާ ކޮއްޓެއް ތެރެއަށް ފުންމާލައިގެން މަޝްހޫރުވި އަންހެން މީހާ އަކީ މިހާރު ސިންގާ އެއް ކަމަށް ދައުވާ ކޮށްފިއެވެ.

މީރާ އޮއުޓްރީ ނަމަކަށް ކިޔާ އުމުރުން 32 އަހަރުގެ އެ އަންހެން މީހާ ނޫސްވެރިއަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އޭނާ އަކީ އިންސާނެއްގެ ސިފައިގައި ހުރި ސިންގާ އެއް ކަމަށެވެ.

ސެޕްޓެމްބަރު މަހު އެމެރިކާގެ ނިއުޔޯކުގައި ހުރި ޒުލެއް ތެރޭ ބަންދު ކޮށްފައި އިން ސިންގާ ކޮށި ތެރެއަށް މީރާ ވަނީ ފުންމާލާފައެވެ. އެވަގުތު އެ ކޮށި ތެރޭ ބޮޑު ފިރިހެން ސިންގާ އެއްވެސް އޮތެވެ. އަދި އެ ސިންގާ ވަނީ މީރާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެފައެވެ. ނަމަވެސް ހަމަލާ އެއް ނުދެއެވެ.

މީރާ ސިންގާ ކޮށި ތެރޭގައި

މީރާ ބުނާ ގޮތުން ސިންގާ އޭނާ އަށް ހަމަލާ ނުދިނީ އޭނާ އަކީ ސިންގާ އެއް ކަމަށް ވާތީއެވެ.

ހުއްދަ ނުހޯދައި ސިންގާ ކޮށި ތެރެއަށް ގަވާދާއި ޙިލާފަށް ފުންމާލުމާއި އެކު މީރާ އާއި ދެކޮޅަށް ވަނީ ގަވާދާއި ޙިލާފަށް ހުއްދަ ނުހޯދައި ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އުފުލަންވެސް ނިންމާފައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން މީރާ އަކީ ބުއްދި ހަމަނުޖެހޭ މީހެކެވެ. ނަމަވެސް އާއްމުންގެ ގިނަ ބަޔަކު ބުނަމުން އަންނަނީ އެއީ މީރާ މީހުންގެ ސަމާލުކަން ހޯދުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.