މިހާރު ދުނިޔޭގައި ހުރި އެންމެ ގިނަ ދުވަސްވީ މީހާއަށް ގިނިސް ރެކޯޑްގެ ފަރާތުން ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

ޖަޕާނަށް ނިސްބަތްވާ އޭނާގެ އުމުރަކީ 112 އަހަރެވެ.

މަސަޒޯ ނޮނަކާ ނަމަކަށް ކިޔާ އެ ފިިރިހެން މީހާ އެންމެ ކާހިތްވާ އެކައްޗަކީ މެޓާއެވެ. އަދި އޭނާ ވަރަށް ގިނައިން ފެންވަރާ ކަމަށްވެސް ވެއެވެ. އޭނާގެ އާއިލާއިން ބުނާގޮތުގައި، އެއީ އޭނާ މިހައި ގިނަ ދުވަހު ދުނިޔޭގައި ހުރުމުގެ ސިއްރުކަމުގައި ވެދާނެއެވެ.

ނޮނަކާ އުފަންވެފައި ވަނީ 1905 ވަނަ އަހަރުގެ ޖުލައި މަހުގެ ފަސް ވަނަ ދުވަހުއެވެ. އޭނާ ދިރިއުޅެމުން ދަނީ އާއިލާއެކުގައެވެ.

ފުރޮޅީގޮޑީގައި އިންނަ ނޮނަކާގެ ސިއްހަތު ވަރަށް ރަނގަޅުކަމަށް އޭނާގެ ކާފަ ދަރިއަކު ވަނީ ބުނެފައެވެ. އަދި އޭނާ ހުރިހާ ވައްތަރެއްގެ މެޓާކާންވެސް ފޯރިހުންނަކަމަށް އޭނާ ވަނީ ބުނެފައެވެ. ނޮނަކާ ނޫސް ކިޔުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަކަމަށްވެސް ވެއެވެ.

ގިނިސް ރެކޯޑުން ބުނާގޮތުގައި، އޭނާ ކައިވެނިކޮށްފައި ވަނީ 1931 ވަނަ އަހަރެވެ. އަދި އޭނާގެ ފަސް ދަރިންވެސް ތިބޭކަމަށް ވެއެވެ.

ކުރިން ދުނިޔޭގައި އެންމެ ގިނަ ދުވަސްވީ މީހަކަށް އުޅެފައި ވަނީ ފްރެންސިސްކޯގެ ނުނޭޒް އޮލިވަރާއެވެ. އޭނާ މަރުވެފައި ވަނީ މިދިޔަ ފެބްރުއަރީ މަސް ތެރޭގައެވެ. އެއިރު އޭނާގެ އުމުރުން 113 އަހަރުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހިމް ވަހީދު

    ހަމަ ގައިމުވެސް ދަތްފަނިކާތީ އުޅޭކަށް ނުޖެހޭނެ ކިތަންމެ ވަރަކަށް މެޓާކެޔަސް