ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު އެއް ޓެނިސް ކުޅުންތެރިޔާ ކަމަށްވާ އެމެރިކާގެ ސެރީނާ ވިލިއަމްސް އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދަ އެވެ.

ސެރީނާ އާއި އޭނާގެ ފިރިމީހާ އެލްކްޒިސް އޮހޭނިއަން ދަރިފުޅު އެލެކްޒިސް އޮލިމްޕިއާ ޖޫނިއާއާ ޗުއްޓީ ހޭދަކުރަމުން ގެންދަނީ އިތާފުށި ރިސޯޓްގަ އެވެ.

އިތާފުށި ނަގާފައިވާ ފޮޓޯތަކެއް ސެރީނާ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

https://www.instagram.com/p/B4fInVhHrbu/

އިތާފުށި ރިސޯޓަކީ ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓްތަކުގެ ތެރެއިން އެއް ރިސޯޓެވެ. އެރިސޯޓްގައި އެންމެ ދުވަހަކު މަޑުކޮށްލަން ވެސް 85000 ދިވެހި ރުފިޔާ ދައްކަން ޖެހެއެވެ. ސެރީނާ އަކީ އެންމެ މުއްސަނދި އަންހެން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. "ފޯބްސް" އިން ލަފާކުރާ ގޮތުގައި ސެރީނާގެ މިލްކިއްޔާތުގައި 180 މިލިއަން އެމެރިކާ ޑޮލަރު ހުންނާނެއެވެ.

އުމުރުން 38 އަހަރުގެ ޓެނިސް ކުޅުންތެރިޔާ ސެރީނާ ޓެނިސްގައި ނުހޯދާ އެއްވެސް ކާމިޔާބެއް ނެތެވެ. އޭނާ ވަނީ ތަފާތު އަށް ފަހަރެއްގެ މަތިން ދުނިޔޭގެ އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އޭނާ ޓެނިސް ކުޅުންތެރިންގެ ރޭންކިންގެ އެއްވަނަ އަށް އެންމެ ފުރަތަމަ އެރީ 2002 ވަނަ އަހަރުގެ ޖުލައި 08 ވަނަ ދުވަހު އެވެ.

އެންމެ ގިނަ ޓެނިސް މެޗް ކާމިޔާބު ކުރުގެ ރެކޯޑް އޮތީވެސް ސެރީނާގެ އަތުގައެވެ. އޭނާ ވަނީ މިހާތަނަށް 349 މެޗް ކާމިޔާބު ކޮށްފައެވެ.