ބައެއް މީހުންނަކީ، އުފެދުމުގައި ނުވަތަ ސަބަބުތަކާއި ގުޅިގެން ދަރިމައިވުމުގެ ނިޒާމަށް ކުރިމަތިވާ މައްސަލަތަކެއްގައި ދަރިން ލިބުމަށް ހުރަސްއެޅިފައިވާ ބައެކެވެ. ދުނިޔެ ކުރިއަރައިދާ ދިއުމާއިއެކު މި ހާލަތު ބަދަލުކޮށްލާފަދަ ހޯދުންތައް ހޯދައި ޑޮކްޓަރީ ފަރުވާ ނުވަތަ ޙައްލު މިކަމަށްވެސް ވަނީ ހޯދާފައެވެ. އެހެނަސް ބައެއް ފަރާތްތަކުން މި ޙައްލު ހޯދަން ބޭނުން ނުވާއިރު، އެފަރާތްތަކުން މި ފަރުވާއަށް އިތުބާރު ނުކުރެއެވެ.

އެމެރިކާއަށް ނިސްބަތްވާ ކެލީ ރޯލެޓް ބުނާގޮތުގައި، އޭނާގެ އަސްލު ބައްޕައަކީ މީގެ އެތައް އަހަރެއް ކުރިން މަންމަގެ ބަލި ޙާލަތު ބަލަމުންދިޔަ ޑޮކްޓަރުކަން ދާދިފަހުން އޭނާ ހެދި ޑީއެންއޭ ޓެސްޓަކުން ހާމަވެފައިވާ ކަމަށެވެ. އަދި އޭނާގެ މަންމަ ވިއްސީވެސް އެ ޑޮކްޓަރު ކަމަށް ރޯލެޓް ބުނެއެވެ.

ރޯލެޓް ބުނިގޮތުގައި އޭނާ ޑީއެންއޭ ޓެސްޓް ހެދީ، ޝައްކުވާ ބައެއް ކަންކަން ހުރުމުން އެކަން ހޯދުމަށްޓަކައެވެ. ނަމަވެސް ޓެސްޓުތަކުން ހާމަވީ ކުރިން ހީވެސް ނުކުރާފަދަ ކަންކަން ކަމަށް ރޯލެޓް ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ އޭނާގެ މަންމައަކީ ދަރިމައިވާ ނިޒާމަށް ދިމާވި މައްސަލައެއްގެ ސަބަބުން ދަރިން ނުލިބި 20 އަހަރު ދުވަސް ހޭދަކުރަން ޖެހުނު މީހެއްކަމަށެވެ. އެހެންކަމުން 1980 ގައި ޑޮކްޓަރަށް ދެއްކުމުން، އޭގެ އެއް އަހަރު ފަހުން އެކަމަށް ޙައްލެއް ލިބި މަންމަ އޭނާއަށް ބަނޑުބޮޑުވި ކަމަށް ރޯލެޓް ބުންޏެވެ.

"ޑީއެންއޭ ޓެސްޓް ލިބުމާއި ހަމައަށް އަހަންނަކަށް ނޭނގޭ އަހަން ދުނިޔެއަށް އައީ ސިނާޢީ ގޮތުން މަންމައަށް ދިން ފަރުވާއަކުން ކަމެއް. އަދި އަހަރެންގެ ބައްޕައަކީ އެހެން މީހެއް ކަމަށް ވެދާނެކަމަކަށްވެސް ހިއެއް ނުކުރަން. އަހަރެން އަދިވެސް ޤަބޫލުކުރަނީ މަންމައާއި މަންމަގެ ފިރިމީހާއަކީ އަހަރެންގެ މައިންބަފައިން ކަމަށް،" ރޯލެޓް ބުންޏެވެ.

ރޯލެޓް ތުހުމަތުކުރާ ގޮތުގައި، އޭނާގެ މަންމަގެ ދަރިމައިވާ ނިޒާމުގައި، މަންމަގެ ފިރިމީހާގެ ދަރިފަނި އިންދުމުގެ ބަދަލުގައި ޑޮކްޓަރު ވަނީ އޭނާގެ އަމިއްލަ ދަރިފަނި އިންދާފައެވެ. ރޯލެޓް ބުނެފައިވަނީ، މި ހާދިސާއަކީ އޮޅުވާލުމެއްގެ ތެރެއިން ހިނގާދިޔަ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން އާއިލާއަށް ވަރަށް ބޮޑު "ޝޮކެއް" ލިބިފައިވާ ކަމަށެވެ. އަދި މިފަދަ ހާލަތުތައް މެދުވެރިވެފައިވާ އެތައް ބަޔަކު އޭނާ ނޫނަސް ތިބެދާނެ ކަމަށް ރޯލެޓް ބުނެއެވެ.

ރޯލެޓް އަށް އޭނާގެ އަސްލު ބައްޕައަކީ އެހެން މީހެއްކަން އެނގި އެކަން މީޑިއާގެ ސަމާލުކަމަށް ގެނައި ނަމަވެސް، އެ މައްސަލަ ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމެއް އޭނާ ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުދާ

    .އެހެންވެގެންނޭ އިސްލާމްދީން ތިކަހަލަކަންތަށް މަނާކުރަނީ

  2. Anonymous

    ކުޅަދާނަ ޑަކްޓަރެއް ގެ ދަރިއަކަށް ވުމުން މުހިއްމު ހުނަރުތަކެއް ވެސް ލިބިފަހުރެދާނެ،އެހެންވީމަ މުޅިން ގޯހެއް ނޫނެއްނު!