ދިރިއުޅުމުގެ އާދަތަކަށް އައިސްފައިވާ ބަދަލުގެ ސަބަބުން ދެޖިންސްގެ މީހުން ބައްދަލުވެ، ވާހަކަދެކެވޭ ވަރު ވަނީ އިތުރުވެފައެވެ. ނަތީޖާ އަކީ ބައެއް ފަހަރު ތިމާ އަކީ މީހެއްގެ އަންބެއް ކަން ނުވަތަ ފިރިއެއްކަން ހަނދާން ނެތުމެވެ. ނުވަތަ އެކަން ހަނދާން ނައްތާލުމަށް ފަހު އަމިއްލަ އެދުންތަކައިގެން ކުރިއަށް ދިއުމެވެ.

އަނބިންނާއި ފިރިންގެ ތެރެއިން ގިނައިން ބޭވަފާތެރި ވަނީ ކޮން ބައެއްތޯ ކުރެވޭ ސުވާލުގެ ޖަވާބު ހޯދާކަށް އަހަރެން ނޫޅެމެވެ. އަދި މިލިޔުމުގައި އަނބިމީހާ ސިއްރު ލޯބިވެރިޔަކު ގެންގުޅޭކަން އެނގޭނެ ގޮތް މިލިޔަނީ ވެސް ގިނައިން އަންހެނުން ބޭވަފާތެރި ވާތީއެއް ނޫނެވެ. އެހެން ފުރުސަތެއްގައި ފިރިންގެ ވާހަކަތައް ލިޔެވޭނެ ކަމަށް އުއްމީދު ކޮށްގެންނެވެ.

ނިދާފައި އޮންނަ އިރު އެހެން މީހެއްގެ ނަން ކިޔުން

ނިދީގައި ނުވަތަ ވަރަށް ހާއްސަ ހާލަތެއްގައި އެހެން ފިރިހެނެއްގެ ނަން އަނބިމީހާ ކިޔައިފިނަމަ އެއީ ވަރަށް ރަނގަޅަށް ވިސްނަން ޖެހޭނެ ކަމެކެވެ. އެއީ އޮޅިގެން ނުވަތަ އިއްތިފާގަކުން ކިޔުނު ނަމެއް ނަމަވެސް އެކަމުގެ ފަހަތުގައި މުހިންމު ސަބަބެއް އޮތުން ވަރަށް ގާތެވެ. އެނަން ކިޔާ ފިރިހެނަކާއި އަނބިމީހާ ހާއްސަ ގުޅުމެއް ބާއްވާ، ގިނައިން އެދެމީހުން ވާހަކަ ދައްކަނީ ކަމަށް ވުން ވަރަށް ގާތެވެ.

އެއްވެސް ފޮޓޯއެއް މީސް މީޑިއާ އަށް ނުލުން

އަނބިމީހާގެ މީސް މީޑިއާ އެއްވެސް އެކައުންޓަކަށް ފިރިމީހާގެ ފޮޓޯއެއް ނުލާކަން ފާހަގަ ކުރެވިއްޖެނަމަ އެއީ ގޯހެކެވެ. ކުރިން ފިރިމީހާގެ ފޮޓޯ ދެއިރު ދެދަޅައަށް މީސް މީޑިއާއަށް ލުމަށް ފަހު މިހާރު އެކަން ހުއްޓާލައިފިނަމަ އެއީ ގޯހެކެވެ.

އޭނާގެ ފޯނު އަބަދު ސައިލެންޓްގައި

އަނބިމީހާގެ ފޯނު އަބަދުވެސް ސައިލެންޓްގައި އޮންނަ ނަމަ އެއީ ވެސް ގޯހެކެވެ. އޭނާގެ ފޯނަށް ސިއްރު ލޯބިވެރިޔާގެ މެސެޖެއް ނުވަތަ ކޯލެއް އަތުވެދާނެ ކަމަށް އޭނާ އެއޮތީ ސަލާމަތީ ފިޔަވަޅެއް އަޅާފައި ކަމަށް ވެދާނެއެވެ. ފޯނު ސައިލެންޓްގައި އޮތުމުން ނުވަގުތެއްގައި އަންނަ ފޯނު ކޯލެއްގެ ސަބަބުން ތިބާ އަށް އިތުރު ވިސްނުމެއް ވިސްނަން އަނބިމީހާ ފުރުސަތު ނުދެނީ ކަމަށް ވުން ގާތެވެ.

ރަހުމަތްތެރިއެއް ކަމުގެ އިހްސާސް ކުރެވުން

ބައެއް ފަހަރު އަނބިމީހާ ތިބާ އާއި މެދު އަމަލު ކުރަނީ ރަހުމަތްތެރިއަކާއި މެދު އަމަލު ކުރާ ގޮތައް ކަމަށް ހީވޭ ހެއްޔެވެ؟ ހުރިހާ ކަމެއް ތިބާ އާއި ހިއްސާކޮށް، ތިބާ އާއި އެކު ވަގުތު ހޭދަކުރި ނަމަވެސް ދެމަފިންގެ ދެމެދުގައި އޮންނަން ޖެހޭ ގުޅުން ނޯންނަ ކަމުގެ އިހްސާސް ކުރެވޭ ހެއްޔެވެ؟ ޖަވާބަކީ އާނ އެކޭ ކަމަށް ވާނަމަ އަނބިމީހާ އާއި މެދު އިތުރަށް ވިސްނާށެވެ.

ޕާސްވޯޑްތައް ބަދަލު ކުރުން

އޭނާގެ ފޯނާއި މީސް މީޑިއާގެ ޕާސްވޯޑްތައް ކުއްލިއަކަށް ބަދަލުކޮށްފިނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ. އެއީ ބޮޑު ކަމެއް އޭނާ ހިންގަމުން ގެންދާ ކަމުގެ ވަރަށް ބޮޑު ހެއްކަކަށް ވުން ގާތެވެ.

ތިބާ އުޅޭތަނެއް ބެލުން

ތިބާ ތަނަކަށް ހިނގައްޖެނަމަ އަބަދުވެސް ފޯނުކޮށް ތިބާ ހުރީ ކޮންތާކުތޯ އާއި ގެއަށް އަންނަނީ ކޮން އިރަކުތޯ އަހާނަމަ އެއީ އަދި ފިރިމީހާ އަށް ކެއާ ކުރަނީ ކަމަށް ނުވެދާނެއެވެ. އެއީ ފިރިމީހާގެ ބޯކޮޅު ބަލާ ފިރިމީހާ އަށް ސިއްރުން ކަންތައްތަކެއް ކުރަނީ ކަމަށް ވުން ގާތެވެ.

އަހަރެން ބުނެދޭ ހުރިހާ ވާހަކައަކީ ސައްތަ އިން ސައްތަ ވާހަކައަކަށް ނުވެދާނެއެވެ. އެހެންކަމުން ފިޔަވަޅެއް އެޅުމުގެ ކުރިން ރަނގަޅަށް ހެކި ހޯދާށެވެ.