ވޭޕް ބޭނުން ކުރުމުގެ ސަބަބުން އެމެރިކާގައި މަރުވި މީހުންގެ އަދަދު 40 އަށް އަރައިފިއެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވެފައި ވަނީ، ވޭޕް ބޭނުންކުރުމުގެ ސަބަބުން ފުއްޕާމެއަށް ގެއްލުން ވެގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ވޭޕް ބޭނުންކޮށްގެން އެންމެ ފަހުން މަރުވެފައި ވަނީ އުމުރުން 50 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ ވޭޕްގެ ތެރެއަށް ނިކޮޓިންގެ ބާވަތްތަކާއި މަސްތުވާތަކެތި އަޅައިގެން ބޭނުންކޮށްފައިވާކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް ހެލްތުން މިދިޔަ ބުދަ ދުވަހު ބުނެފައި ވެއެވެ.

ސްޓޭޓް ހެލްތް އޮފިޝަލުން ބުނީ، މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން މިއަދާއި ހަމައަށް ވޭޕް ބޭނުންކުރުމުގެ ސަބަބުން ފުއްޕާމެއަށް ގެއްލުންވި ކަމުގެ ތުހުމަތު ކުރެވޭ 220 އަށް ވުރެ ގިނަ ކޭސް ލިބިފައިވާ ކަމަށާއި، އެ ކޭސްތައް ބަލަމުން އަންނަ ކަމަށެވެ.

އަދި މިދިޔަ ބުދަ ދުވަހާއި ހަމައަށް އެފަދަ 21 ކޭސްއެއް ވަނީ ކަށަވަރު ކުރެވިފައެވެ.

ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ނެރުނު އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ވޭޕް ބޭނުންކޮށްގެން ފުއްޕާމެއަށް ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު 2051 އަށް އަރައެވެ.

މީގެ ތެރެއިން ގިނަ މީހުންނަކީ ފިރިހެނުން ކަމަށާއި، އެއީ 35 އަށް ވުރެ ދަށް އުމުރުގެ މީހުން ކަމަށް ބުނެފައި ވެއެވެ. އަދި ވޭޕް ބޭނުންކޮށްގެން ގެއްލުންވެގެން މަރުވި މީހުންގެ އުމުރު އުޅެނީ 17 އަހަރާއި 75 އަހަރާއި ދެމެދު ކަމަށްވެސް ބުނެފައި ވެއެވެ.

ވޭޕް ބޭނުންކޮށްގެން 39 މީހަކު މިހާތަނަށް މަރުވެފައިވާކަމަށް ސީޑީސީން ކަށަވަރުކޮށްދެއެވެ.

ވޭޕްއަކީ މިހާރު ހުއްޓާލަން ޖެހިފައިވާ އެއްޗެކެވެ. މިއީ ސިއްހަތަށް ގެއްލުން ދޭ ބޮޑު ވަބާއެކެވެ.

ކިޔުންތެރިންގެ ހިޔާލު