60 ކައިވެނިކުރި 45 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އެ މީހާ ވަނީ މިދިޔަ 25 އަހަރުގެ ތެރޭގައި 60 މީހުންނާއި، 60 ކައިވެނިކޮށްފައެވެ. މިކަން ހިނގާފައިވަނީ ބަންގްލަދޭޝްގެ ޖަމަލްޕޫރުގައެވެ. ޖަމަލްޕޫރުގެ ފުލުހުން މައުލޫމާތު ދިންގޮތުގައި މި މީހާ އެންމެ ފުރަތަމަ ކައިވެންޏެއް ކޮށްފައިވަނީ މީގެ 25 އަހަރު ކުރިންނެވެ. އޭރު އޭނާގެ އުމުރަކީ 20 އަހަރެވެ.

ފުލުހުން އިތުރަށް ބުނީ އޭނާ 60 މީހުންނާއި ކައިވެނިކޮށްފައިވަނީ، ފޭކު ލިޔުންތަކެއް ތައްޔާރުކޮށް، އޭނާއަކީ ހުސްހަށިބައިކޮށް ހުރި ފިރިހެނެއް ކަމަށް ހެދިގެންނެވެ. އަދި އެނާގެ ކުރީ އަނބި މަރުވެފައިވާ ކަމަށް ލިޔުން ތައްޔާރުކޮށްގެންވެސް އޭނާ ވަނީ ބައެއް ކައިވެނިތައް ކޮށްފައެވެ.

ފުލުހުން ބުނީ އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ އޭނަގެ 60 ވަނަ އަނބި މީހާ ފުލުހަސް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ. އެގޮތުން އޭނާގެ 60 ވަނަ ކައިވެނި، ރޯޒީ ކިޔާ މީހަކާއި ކޮށްފައިވަނީ މިދިޔަ އޯގަސްޓު މަހުގައެވެ. އަދި ކައިވެންޏަށްފަހު އެ އަންހެން ކުއްޖާގެ ބައްޕަގެ ގާތުގައި 2 ލައްކަ ޓާކާ ދޭން ވަނީ އެދިފައެވެ. އެހެންނަމަވެސް ރޯޒީގެ ބައްޕަވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. އެހެންނަމަވެސް އޭގެ ފަހުން އެ ފިރިހެން މީހާ ވަނީ ރޯޒީގެ ބައްޕަގެ އަތުން 80،000 ޓާކާ އަތުލާ، ފިލާފައެވެ.

ދާކާ ފުލުހުން ބުނީ މިހާރު އޭނާ ވަނީ ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. އަދި އޭނާ 60 ކައިވެނި ކުރިކަމަށް އެއްބަސްވެފައިވާ ކަމަށާއި، އޭނާ އެކަން ކުރިގޮތްވެސް ފުލުހުންނަސް ކިޔާދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި މައްސަލައާއި ގުޅިގެން އަދި އޭނާއަށް އެއްވެސް ހުކުމެއް އައިސްފައެއް ނުވެއެވެ.