އެލް ޗާޕޯ އަކީ ދުނިޔެ މިހައިތަނަށް ދުށް އެންމެ ވަރުގަދަ ޑްރަޑް ކާޓެލް، ސިނަލޯއާ ކާޓެލްގެ އެންމެ އިސް ވެރިޔާއެވެ. އެތައް ފަހަރަކު ޖަލުން ފިލި އެލް ޗާޕޯ މިހާރު އެމެރިކާގައި ހައްޔަރު ކުރެވިފައި ވީ ނަމަވެސް ދާދި ފަހުން އޭނާގެ ފިރިހެން ދަރިފުޅު ވަނީ ހައްޔަރު ކޮށްފައެވެ.

ކުޑަ ވަގުތުކޮޅަށް މެކްސިކޯގެ ސިފައިން އެލް ޗާޕޯގެ ދަރިފުޅު ހައްޔަރު ކުރުމަށް ފަހު ވަނީ ދޫކޮށްލާފައެވެ. އެއީ އޭނާ ހައްޔަރު ކުރުމާއި އެކު އެ ގޭންގުގެ މީހުންނާއި ފުލުހުންނާއި އަދި ސިފައިންނާއި ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ރަހީނު ކުރުމާއި ގުޅިގެންނެވެ. ސިފައިން އޭނާ ދޫކޮށްލީ އެ ހަމަލާތައް ހުއްޓާލަން ޝަރުތު ކުރުމަށް ފަހުގައެވެ.

އަނިޔާވެރިކޮށް މަރާލާފައިވާ ފުލުސް އޮފިސަރު

ނަމަވެސް، އެ ކާޓެލްގެ މީހުން މިވަނީ އެލް ޗާޕޯގެ ދަރިފުޅު ހައްޔަރު ކުރަން އުޅޭނަމަ ބާރުގެ ބޭނުން ކުރާނެކަން ދައްކާފައެވެ. މިގޮތުން އޭނާ ހައްުޔަރު ކުރި ފުލުސް އޮފިސަރު ވިޔަފާރިި ކުރުމަށް ޝޮޕިން ސެންޓަރަކަށް ގޮސް ކާރުން ނިކުންނަން އުޅުނު ގަޑީގައި އެ ކާޓެލް އަށް ނިސްބަތްވާ ދެ މީހަކު ވެގެން އެ ފުލުސް އޮފިސަރު މިވަނީ މަރާލާފައެވެ.

ފުލުސް މީހާ ކާރު ފަހަތުން އައިސް އޭނާ ކާރުން ފޭބުމުގެ ކުރިން އެހެން ކާރެއްގައި އައި ދެ މީހަކު ވަނީ ސެމީ އޮޓޮމަޓިކް ބަޑިތައް ހިފައިގެން ފުލުސް މީހާ އިން ކާރަށް ހަމަލާ ދީފައެވެ. 30 ސިކުންތު ތެރޭގައި އެމީހުން 155 ވަޒަން އެ ފުލުސް މީހާ އަށް އަމާޒުކޮށް ޖަހާފައި ވާއިރު، އެމީހުން އެތަނުން ދިޔައީ އޭނާ މަރާލުމަށް ފަހުގައެވެ.

މި މަންޒަރު ދައްކުވައިދޭ ވީޑިއޯތައް މީސް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. މެކްސިކޯ އަކީ މަސްތުވާތަކެތީގައި ދުނިޔޭގެ ރަސްކަން ކުރާ ގައުމު ކަމުގައި ވާއިރު، ބަޑި ގެންގުޅުމާއި މީހުން މެރުން ފަދަ ކަންކަމަކީ އެ ގައުމުގައި އާއްމު ކަންކަމެވެ.