ތިމާ ބޭނުންވާ، ތިމާ އަށް ފުރަތަމަ ނަޒަރުން ލޯބި ވެވިފައިވާ އަންހެނަކު ހޯދުން އެއީ ކޮންމެ ފަހަރަކު ކުރަން އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. އެއީ މަސައްކަތްތަކެއްކޮށް، ރޭވުންތަކެއް ވެސް ރާވައިގެން ކުރެވެން އޮންނަ ކަމެކެވެ. މިކިޔައިދެނީ މިކަމުގެ ތަޖުރިބާކާރުން ކިޔައިދޭ ވާހަކައެކެވެ.

ހިތުގައި ހާއްސަ މަގާމެއް ދެވިފައި ތިވާ އަންހެން ކުއްޖަކާއި އެކު ފުރަތަމަ ދާންވީ ޑޭޓަކަށެވެ. ޑޭޓަކަށް ދިއުމުގެ ދައުވަތު އޭނާ ގަބޫލުކުރުމުން ދެން ސަމާލުކަން ދޭން ޖެހޭނެ ކަންކަން މިކިޔައިދެނީއެވެ.

އެންމެ މުހިންމު ކަމަކީ ޑޭޓަކަށްދާ ރެސްޓޯރެންޓެވެ. އެތަނީ އައުޓްޑޯ ތަނަކަށް ވުން ރަނގަޅެވެ. އިންޑޯ ތަނެއްނަމަ ތަނުގެ ބޭރު ވަރަށް ރީއްޗަށް ފެންނަ ތަނަކަށް ވާންވާނެއެވެ. މިސާލަކަށް މޫދު، ނުވަތަ އުސް އިމާރާތެއްގެ މަތިން ދުރު ސަރަހައްދެއް ފެންނަން އޮންނަން ވާނެއެވެ. އާންމުކޮށް މީހަކަށް ނުފެންނަ މަންޒަރަކަށް އެމަންޒަރު ވާންވާނެއެވެ.

ފުރަތަމަ ބައްދަލުވުމަކީ ވަރަށް ރޮމޭންޓިކް ބައްދަލުވުމަކަށް ހަދާށެވެ.

ތިބާ ފެނުމުން ތިއީ ބޮޑު ރަސްމިއްޔާތެއްގައި ބައިވެރިވާން ގޮސް ހުރި މީހެއްހެން އޭނާ އަށް ހީވެގެން ނުވާނެއެވެ. ވީހާވެސް ކެޝުއަލްކޮށް ހެދުންއަޅަން ހަނދާން ކުރާށެވެ.

ކުރީގެ ލޯބިވެރިންގެ ވާހަކަތައް އެއްވެސް ވަރަކަށް ފުރަތަމަ ބައްދަލުވުމުގައި ދައްކައިގެން ނުވާނެއެވެ. އެމީހުންގެ ހަނދާންތައް އާކުރަން ބޭނުން ނުވުމަކީ އޭނާ މިރޭ ތިބާ ކުރިމަތީގައި އިށީންދެ އިން އެއް ސަބަބުކަން ހަނދާން ކުރާށެވެ.

މުސްތަގުބަލްގެ ވާހަކަ ދައްކާށެވެ. ތިބާ ދެކޭ ހުވަފެންތަކުގެ ވާހަކަދައްކާށެވެ. ހާސިލް ކުރަން ބޭނުންވާ ކަންތައްތަކުގެ ވާހަކަ ދައްކާށެވެ.

ނިންމާލުމުގެ ކުރިން ހަނދާންކުރާށެވެ. ތިބައްދަލުވުން ކާމިޔާބު ކަމާއި އެކު ނިމުނު ކަމަށް ވާނީ ތިފަދަ ދެވަނަ ބައްދަލުވުމަށް ދައުވަތުދީ އެދައުވަތު އޭނާ ގަބޫލުކޮށްފިނަމަ އެވެ. އެހެންކަމުން އެކަން ތިބާ ކާމިޔާބު ކުރާށެވެ.