ދަރިންނަކީ ކާމިޔާބު، މުއްސަނދި ބަޔަކަށް ހެދުމަކީ ކޮންމެ މަންމަ އަކާއި ބައްޕައެއްގެ ވެސް އުއްމީދަކަށް ވާނެއެވެ. މިއުއްމީދު ހާސިލް ކުރުމަށް ކޮންމެ މަންމަ އަކާއި ބައްޕައެއް ވެސް ވަރަށް ގިނަ ތަފާތު މަސައްކަތެއް ކުރެއެވެ.

ނަމަވެސް ދަރިފުޅަކީ މުއްސަންޖަކަށް ވޭތޯ ދަރިފުޅުގެ ނަމަކަށް ޑޮނަލްޑް ޓްރަމްޕް ކިޔުން ވާނީ ތަފާތު ޚަބަރަކަށެވެ.

އަފްޣާނިސްތާންގެ ރައްޔިތެއް ކަމަށްވާ ސައީދު އަސަދުﷲ މިވަނީ އޭނާގެ ދަރިފުޅަކީ މުއްސަނދި ކާމިޔާބު މީހަކަށް ވޭތޯ ދަރިފުޅުގެ ނަމަކަށް ޑޮނަލްޑް ޓްރަމްޕް ކިޔާފައެވެ. އަފްޣާނިސްތާންގެ ޑަޔަކޫދީ ޕްރޮވިންސްގައި ދިރިއުޅުނު އަސަދުﷲ ގެ ދަރިފުޅަށް 18 މަސް މިހާރު ވެއްޖެއެވެ.

އަސަދުﷲ ބުނީ އޭނާގެ ދަރިފުޅުގެ ނަމަކަށް ޓްރަމްޕް ކިޔާފައި ވަނީ ދަރިފުޅު މުއްސަނދި ވާނެ ކަމުގެ އުއްމީދުގައި ކަމަށާއި އަދި ޓްރަމްޕްގެ ނަން ދަރިފުޅަށް ކިޔަން ނިންމި ދެވަނަ ސަބަބަކީ ދަރިފުޅު ޓްރަމްޕާއި ވައްތަރު ވުން ކަމަށެވެ.

"އަހަރެންގެ ދަރިފުޅުގެ އިސްތަށިގަނޑާއި ހަމުގެ ކުލަ ޓްރަމްޕާއި ވައްތަރު، ބޮލުގެ އިސްތަށިގަނޑު އޮންނަނީ ރަން ކުލައިގައި. އަދި ހަންގަނޑުގެ ކުލަ ވެސް ޓްރަމްޕާއި ވައްތަރު. ބައެއް ފަހަރު ހީވޭ ދަރިފުޅު މިއޮތީ ޓްރަމްޕާއި ވައްތަރު ކުރަން މޭކަޕް ކޮށްފައޭ ވެސް" އަސަދުﷲ ބުންޏެވެ.

އަސަދުﷲ އޭނާގެ ދަރިފުޅުގެ ނަމާއި މެދު ކިތަންމެ ހިތްހަމަޖެހިފައި ހުރި ނަމަވެސް އަސަދުﷲ ގެ ބައްޕަ ވަނީ ކާފަދަރިފުޅުގެ ނަމަކަށް ޓްރަމްޕް ކިޔުމުން އަސަދުﷲ އާއި ގުޅުން ކަނޑާލާފައެވެ. ބައްޕަ ގުޅުން ކަނޑާލުމުން އަސަދުﷲ މިހާރު ވަނީ އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން ގެއިން ވެސް ނިކުމެފައެވެ. ނަމަވެސް އޭނާ ހުރީ ދަރިފުޅުގެ ނަން ބަދަލުކުރާ ގޮތަކަށް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު