އިންޑިއާގެ ޕޫނޭގައި 3 މީހަކު ވެގެން ސައިކަލެއްގެ ފަހަތުގައި ކުއްތާއެއް ބަނދެގެން ބާރު ސްޕީޑެއްގައި ދުއްވައިފިއެވެ.

މިހާރަކަށް އައިސް ފެންނަމުން އަންނަ މަންޒަރަކީ އެކި ގައުމުތަކުގައި ޖަނަވާރުންނަށް އަނިޔާކުރަމުން އަންނަ ތަނެވެ. އެގޮތުން ބައެއް ފަހަރު އެޖަނަވާރުން ހަމަ ޖެހިލައިގެން ނިދަން އޮންނަ އިރު ބައެއް ފަރާތްތަކުން ގޮސް އަނިޔާކޮށްލާ މަންޒަރުވެސް ފެނެއެވެ.

މިފަދައިން އަމަލު ކުރާ ފަރާތްތަކާއި މެދު އެގައުމެއްގެ ސަރުކާރުން ވަކި ކަހަލަ ގާނޫނެއްގެ ދަށުން އަދަބެއް ކަނޑައަޅާފައެއް ނުވެއެވެ. މިގޮތަށް އަމަލުކުރާ ފަރާތްތަކާއި މެދު ގާނޫނެއްގެ ތެރެއިން އަދަބެއް ކަނޑައަޅާފައިވާނަމަ އެ ފަރާތްތަކުން ޖަނަވާރުންނަށް އަނިޔާކުރުމަށް ޖެހިލުންވާނެ ކަން އެއީ ޝައްކެއްވެސް ނެތް ކަމެކެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުގައި އިންޑިއާގެ އަވަށެއް ކަމަށްވާ ޕޫނޭ ގައި 3 މިހާކު ސައިކަލެއްގެ ފަހަތުގައި ވާގަޑެއްގައި ކުއްތާ ބަނދެގެން ބާރު ސްޕީޑެއްގައި ދުއްވާތަނެވެ.

މި ވީޑިއޯ ފޭސްބުކްގައި ޝެއާކުރި ފަރާތުން ބުނެފައި މިމަހުގެ 5 ވަނަ ދުވަހު އޭނާއަށް އެމަންޒަރު ފެނިގެން އެމީހުން ހުއްޓުވީމަ ބުނެފައިވަނީ އެމީހުންގެ ތެރެއިން އެކެއްގެ އަތުގައި އެ ކުއްތާ ދަތްއެޅުމުން އެގޮތަށް އަމަލުކުރީ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ ކުއްތާ ސަލާމަތް ކޮށްފައިވާ ކަމަށާއި ޖަނަވާރުންނަށް ފަރުވާދޭ މަރުކަޒެއްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އޭނާގެ މި ވީޑިއޯ މީސްމީޑިއާގައި ދައުރުވާން ފެށުމުން ގިނަ ފަރާތްތަކުން އަންނަނީ އެ މީހުންނަށް ފާޑުކިޔައި، އެމީހުންނަށް އަދަބު ދިނުމަށް ގޮވާލާފައެވެ.