ބޯޓެއްގައި ދެ ލޯބިވެރިން އަޑުގަދަކުރުމުން ބޯޓުން ބާލުވާލައިފިއެވެ.

ޖާމަނީގައި ޓުއާ އޮޕަރޭޓް ކުރާ ކުންފުންނަކަށް ނިސްބަތްވާ އެ ބޯޓުން ދެ މީހުން ބާލާފައިވަނީ އެދެމަފިރިން ދަތުރުފެށި ދުވަހުއެވެ. މީޑިއާ ތަކުން ރިޕޯޓް ކޮށްފައި ވާގޮތުގައި އެދެމަފިރިން ބޯޓުން ބާލާފައި ވަނީ ކޮޓަރި ތެރޭގައި ތިބެ އަޑުގަދަ ކުރުމުންނެވެ.

މިކަމާއި ގުޅިގެން އެ ދެމީހުން މިހާރު ވަނީ ކަމާއި ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅާފައެވެ. އެފަރާތްތަކުން މައްސަލަ ހުށަހަޅާފައިވަނީ ބޯޓުގައި އެމީހުން ތިބި ކޮޓަރީގެ ކުޑަ ދޮރު ހުޅުވައި އެމީހުންގެ އަމިއްލަ ހައްގަށް އަރައިގަތް މައްސަލާގައެވެ. އެމީހުން ބުނެފައިވަނީ އެމީހުންނަށް ބޯޓުގެ ފަޅުވެރިން ފާރަލާފައިވާ ކަމަށެވެ.

ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ހިއްސާ ކުރަމުން އެމީހުން ބުނެފައިވަނީ އެމީހުން ބޯޓުން ބާލުވާފައިވަނީ އެމީހުންގެ ފޮށިވެސް ނުދީ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ބޯޓުގެ ވެރިފަރާތުން ބުނެފައިވަނީ އެ ދެމަފިރިން އަޑުގަދަ ކުރުމުން ބޯޓުގައި ދެންތިބި ދަތުރުވެރިންނަށް އުނދަގޫވެގެން ޝަކުވާކޮށްފައިވާ ކަމަށެވެ. އަދި އެފަރާތުން ބުނެފައިވަނީ އެދެމަފިރިން ޒުވާބުކޮށް ތަޅައިގަތީ ކަމަށެވެ. އެކަމުގެ ޝަކުވާ ލިބުމުން ބޯޓުގެ ވެރިފަރާތުން ވަނީ އެމީހުން ތިބި ކޮޓަރީގައި ޓަކި ދީ އެތަނުން ނިކުތުމަށް އަންގާފައެވެ.

އެ ދެމީހުން ވަނީ ބޯޓު ނިސްބަތްވާ ކުންފުންޏަށް ވެސް މައްސަލަ ހުށަހަޅާފައެވެ. އެގޮތުން އެ ދެމީހުން ވަނީ ގިނަ އަދަދަކަށް ފައިސާ ނެގުމަށްފަހު، ބޯޓުން ބޭލުމުގެ ބަދަލުގައި އެމީހުން ދީފައިވާ ފައިސާ އަނބުރާ ދިނުމަށް އެދިފައެވެ.