ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް)ގެ ބޭރުން، ކައުނުގެ އާދަޔާއި ޚިލާފަށް ދުރު ހިސާބަކުން ގޮތްނޭނގޭ ސިގްނަލްތަކެއް ދުނިޔެ އާއި ހަމައަށް ފޯރަމުންދާ ކަމަށް ކެނެޑާގެ ސައިންސްވެރިންތަކެއް ބުނެފިއެވެ.

ކެނެޑާގައި ހުންނަ ބާރުގަދަ ރޭޑިއޯ ޓެލެސްކޯޕް، ކެނެޑިއަން ހައިޑްރޮޖެން އިންޓެންސިޓީ މެޕިންގް އެކްސްޕެރިމެންޓް (ޗައިމް) މެދުވެރިކޮށް ސައިންސްވެރިން މި ސިގްނަލްތައް އަންނަ ދިމާ ހޯދާފައިވީނަމަވެސް، މިއީ ކޮން ސަބަބަކާއި ހުރެ އަންނަމުންދާ ސިގްނަލްތަކެއް ކަން އަދި ހޯދައިގަނެވިފައެއް ނުވެއެވެ.

މި ސިގްނަލްތައް ދުނިޔެއާއި ހަމައަށް ލިބެމުންދާތާ އަހަރުތަކެއް ވެފައިވާކަން ހޯދުންތަކުގެ އަލީގައި އެނގިފައިވާއިރު، ސިގްނަލްތައް ހޯދުނު ފަހުންވެސް މިހާތަނަށް 11 ސިގްނަލެއް ލިބިފައިވާ ކަމަށް ވެއެވެ. މިކަމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަޖުރިބާކާރު ސައިންސްވެރިންގެ އެހީތެރިކަމާއެކު ކެނެޑާއިން ދަނީ މި ސިގްނަލްތަކުގެ ހަޤީޤަތް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ތައްޔާރުވަމުންނެވެ.

އެނެމް ފަހުން ދުނިޔެއަށް މިފަދަ ސިގްނަލެއް ލިބިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އާދަޔާއި ޚިލާފަށް ބާރުގަދަ މި ސިގްނަލްތައް ދުނިޔެއާއި ހަމަޔަށް ފޯރަމުންދަނީ، ދުނިޔެ އާއި 3.6 ބިލިއަން އަލި އަހަރު ދުރުގައިވާ ގެލެކްސީއަކުން ކަމަށް، އޮސްޓްރޭލިއާގެ ތަޖުރިބާކާރު ދިރާސާވެރިންތަކެއް ވަނީ ބުނެފައެވެ.