އިންޑިއާގެ ހުޅަނގު ޕްރޮވިންސެއްގައި އޮންނަ ސިޓީއެއް ކަމަށްވާ ޕޫނޭގައި ހިންގަމުންދިޔަ ކެފޭއެއްގެ ފާހަނާ ތެރޭގައި ކެމެރާ ހަރުކޮށްފައި ހުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ކެމެރާ ހަރުކޮށްފައި ހުރީ އެ ކެފޭގައި އަންހެނުންނަށް ޚާއްސަކޮށް ހަދާފައިވާ ފާހަނާގެ ސީލިންގުގައެވެ. ފާހަނާ ތެރޭގައި މި ކެމެރާ ހަރުކޮށްފައި ހުރިކަން ފަޅާ އަރާފައި ވަނީ، އެތަނަށް ދިޔަ އަންހެން ކަސްޓަމަރަކަށް ކެމެރާ ފެނުމުންނެވެ. އެއާއެކު އޭނާ ވަނީ އެ މައްސަލަ ކެފޭ ހިންގާ ފަރާތްތަކުގެ ސަމާލުކަމަށް ގެންގޮސްފައެވެ.

އެ އަންހެން މީހާ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، ފާހަނާ ތެރޭގައި ހުއްޓައި ކެމެރާއެއް ހުރި ކަމަށް ޝައްކު ކުރެވިގެން އިތުރަށް ބެލި ބެލުމުން އެއީ ކެމެރާއެއްކަން ޔަޤީން ކުރެވުނު ކަމަށެވެ. އަދި އެވަގުތުވެސް ކެމެރާއިން ދިޔައީ ރެކޯޑު ކުރެވެމުން ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނެފައިވާ ގޮތުގައި މި މައްސަލަ ޖެއްސިތާ މާގިނައިރެއް ނުވެ، އެ ކެފޭގެ މުވައްޒަފުން ފާހަނާއަށް ވަދެ ކެމެރާ ފޮރުވާލީއެވެ. އެހެންކަމުން އެއީ އެ މުވައްޒަފުން ހިންގި ކަމެއްކަން އެކަމުން ދޭހަވާ ކަމަށް އޭނާ ބުންޏެވެ.

މި މައްސަލަ އާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެ ކެފޭ ހިންގާ ފަރާތްތަކަށް އަމާޒުވެފައިވާއިރު، އާންމު ގޮތެއްގައި އެތަނަށްދާ ކަސްޓަމަރުންވެސް ވަނީ ކެފޭ އާއި ގުޅޭގޮތުން ނުރުހުންވުން ފާޅުކޮށްފައެވެ. އަދި އެކަމާއި ގުޅިގެން ކެފޭ ހިންގާ ފަރާތްތަކާއި އެތަނުގެ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށްވެސް އެފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ ޕޫނޭގެ ހިންޖެވާދީގައި ހިންގާ "ކެފޭ ބީހައިވް"ގައެވެ. އެ ކެފޭގެ އަންހެން ފާހަނާތެރޭގައި ހަރުކޮށްފައި ހުރި ކެމެރާގެ ފޮޓޯވެސް މިހާރު މީސްމީޑިއާގައި ދައުރުވަމުންދެއެވެ. މި ފޮޓޯއަކީ ފާހަނާ ތެރޭގައި ކެމެރާ ހަރުކޮށްފައި ހުރިކަން ފަޅާއަރުވާލި އަންހެން މީހާ ނަގާފައިވާ ފޮޓޯއެކެވެ. އޭނާ ވަނީ މި މައްސަލަ ކަމާއި ބެހޭ އިދާރާތަކަށްވެސް ހުށަހެޅުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު