ދުއްވާފައި ދިޔަ ރޭލެއްގެ ތެރެއިން ވައްޓާލި ޒުވާނަކު މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ މުހައްމަދު އީދު ނަމަކަށް ކިޔާ ފިރިހެނެކެވެ. ބައެއް ނޫސްތަކުން ބުނެފައިވަނީ އޭނާ އާއި އަހުމަދު މުހައްމަދު ކިޔާ މީހަކު ރޭލަށް ލާރި ނުދެއްކިގެން އަމިއްލަޔަށް ފުއްމާލީ ކަމަށެވެ.

އެހެންނަމަވެސް ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ ރޭލުގައި ހުރި އޮފިޝަލަކު އެމީހުން ނިކުންނަ ދޮރު ކައިރިއަށް ގެންގޮސް ފައިބަން ބުނެފައިވާ ކަމަށެވެ. އޭރުވެސް ރޭލު މަޑު ނުކުރާ ކަމަށް އެފަރާތުން ބުނެފައިވެއެވެ. އަދި އެ އޮފިޝަލު ވަނީ އޭނާ އެއްވެސް ކަމެއް ނުކުރާ ކަމަށާއި އެމީހުން ފުންމާލީ އެމީހުން އަމިއްލަޔަށް ކަމަށް އޭނާ ބުންޏެވެ.

އިޖިޕްޓްގެ ޓްރާންސްޕޯޓް މިނިސްޓަރު ކަމެލް އަލް ވަޒިރު މި ހާދިސާއާއި ގުޅިގެން ބުނެފައިވަނީ އޭނާ މަރުވެގެން ދިޔަ ދެ ޒުވާނުންގެ އާއިލާއަށް ޒިޔާރަތް ކުރާނެ ކަމަށެވެ. އަދި އެ އާއިލާއަށް ހައްގު ހޯދައިދޭނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނީ، ރޭލަށް އަރާއިރު ބައެއް ފަރާތްތަކުން ރުފިޔާ ނެތީސް ގޮނޑީގައި އިށީންނަ ކަމަށާއި އެ ހާލުގައި ނާރަންވެސް އޭނާ ވަނީ ގޮވާލާފައެވެ.

ފުލުހުން ވަނީ މި މައްސަލާގައި އެރޭލުގައި އޭރު ތިބި އޮފިޝަލުން ހައްޔަރުކޮށްފައެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.