ގިނަ ދިވެހިންނަކީ ފަލަވީމާ ހިކެން ބޭނުންވާ މީހުންނެވެ. ނަމަވެސް ދިރިއުޅުން ހުންނަ ގޮތުން، ނުވަތަ އެހެންވެސް ސަބަބަކާއިހުރެ، މިކަމަށް އެންމެ އެދެވިގެންވާ މަސައްކަތްތަކެއް ނުކުރެވެއެވެ. ކެއުމުގެ ވައްޓަފާޅިއަށް ބަލައިގެން އުޅުން، ނުވަތަ ދުވަންދިއުން ވަނީ ބޮޑު ކަމަކަށް ވެފައެވެ. އެފަދަ މީހުނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. މިއޮތީ އެހާ ބުރަކަމަކަށް ނުހަދާލާ، ކުދިކުދި ކަންތައްތަކެއް ކޮށްލައިގެން ހިކޭނެ ގޮތްތަކެކެވެ.

1. ފެން ބުއިން

ތިބާގެ ދުވަސް 1 ފެންތަށިން ނުވަތަ 2 ފެންތަށިން ފަށާށެވެ. ރިސާޗްތައް ދައްކާގޮތުގައި ހެނދުނުގެ ފުރަތަމަ ބުއިމަކަށް ފެން ބޭނުންކޮށްފިނަމަ ހަށިގަނޑުގައިވާ ވިހަ ގޭސްތައް ބޭރުކޮށްލައެވެ. މީގެ އިތުރުންވެސް ހެނދުނު ފެން ބޮއެފިނަމަ، ބަނޑުހައިވުމުން ދުރުކޮށްދީ، ބޭކާރު ކެއުންތައް ކެއުމުންވެސް ދުރުކޮށްދެއެވެ.

2. ކައި ނިމިގެން ކުޑަވަގުތުކޮޅަކަށް ހިނގާލުން

ބަނޑުފުރާ ކާލައިގެން ދިވެހިންނަށް ކުރެވޭކަމަކީ ފޯނާއި ކުޅެން، ނުވަތަ ޓީވީ ބަލަން އިށީނދެލެވެނީއެވެ. ނުވަތަ އޮށޯވެލެވެނީއެވެ. މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ކައިނިމިގެން ދިހަ ވަރަކަށް މިނިޓް ވަންދެން ހިނގާލުމަކީ އެންމެ ރަނގަޅު ގޮތެވެ. މިކަމުގެ ސަބަބުން ހަށިގަނޑުން ކެލޮރީ ކޮޅެއް ވިރި، ހަޖަމް ކުރުމަށް އެތަކެއް ފަސޭހަތަކެއް ވެގެންދެއެވެ. ދުވާލަކު 30 މިނިޓްގެ ދުވުމަކަށްވުރެ، މިކަމަކީ މާ ފައިދާހުރި ގޮތެއްކަމުގައި ރިސާޗްތަކުން ވަނީ ދައްކާފައެވެ. (ހެނދުނު ސައި ބޮއިގެން އޮފީހަށް، މެންދުރު ކައިގެން އާއިލާ މީހެއް ނުވަތަ ރައްޓެއްސެއްގެ ގެއަށް، ރޭގަނޑު ކައިގެން އިޝާ ނަމާދަށް މިސްކިތަށް ހިނގާލާފައި ގޮސްލުމުންވެސް މިކަން ކޮށްލެވުނީއެވެ.)

3. ފައިބަރ ހިމެނޭ ބާވަތްތައް ގިނައިން ކެއުން

ފައިބަރ ގިނަ ކެއުންތަކަކީ ސިއްޙަތަށް ފައިދާހުރި، ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އަދި އެއީ ހަކަތަ ގިނަ، ކެލޮރީ މަދު މާއްދާއެކެވެ. އެހެންކަމުން ހެނދުނުގެ ނާސްތާގައި ފައިބަރގެ ބާވަތްތައް އެކުލެވޭ ކެއުންތައް ބޭނުންކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.

4. ގެއިން ކެއުން

ރެސްޓޯރެންޓްތަކުން ކެއުމަކީ މިހާރު ދިވެހިންގެވެސް އާދައެކެވެ. މަހަކު މަދުވެގެން ދެތިންފަހަރު ރެސްޓޯރެންޓަކުން ކެއުމަކީ އާންމުކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރެސްޓޯރެންޓްތަކުގައި ކައްކާ ތަކެތީގައި، ތެލުގެ ބާވަތް އާދަޔާއި ޚިލާފަށް އިތުރަށް ހިމަނާފައި ހުންނަކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް ގޭގައި ކައްކާއިރު، ތިމާގެ ހަށިގަނޑަށް ވިސްނައިގެން، ތެޔޮ މަދުކޮށް ތިމާއަށް ކެއްކިދާނެއެވެ. ގޭގައި ކައްކައިގެން ކެއުމަކީ ބަރުދަން ލުއިކުރުމަށާއި، ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ކުރުން އެންމެ އެދެވިގެންވާ އެއްކަމެވެ.

5. ކަސްރަތު ކުރުން

ދުވަންދާނެ ވަގުތެއް ނުވާ މީހެއްނަމަ ކަސްރަތަކީވެސް ބަރުދަން ލުއިކުރުމަށް އެތަކެއް އެހީއެއް ވެދޭ އެއްޗެކެވެ. ނިދުމުގެ ކުރިން "ޕުޝް-އަޕް" ހެދުމަކީވެސް އެތަކެއް ކެލޮރީއެއް ހިންދާލާނެކަމެކެވެ. ނިދާ ހޭލައިގެންވެސް އާދައިގެ ކަސްރަތުކޮޅެއް ކޮށްލެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުސްނުވި ސޫދު

  5 ވަނައަށް ހިމަނާފައޮތް "ގެއިން ކެއުން" މީކީ މީހާ ހިކޭނެ ކަމެއް ނޫން.. ކާ އެއްޗެއް މުހިންމުވާނީ.. ދިރާސާ ކޮށް ބަލާބަލަ...

  17
 2. އުގެއިލް

  އަނެއްކާ އަނެއް ރިސަރޗް. އެކަތި ޓެސްޓް ކޮއް ނުނިމެނިސް އާ އެއްޗެއް ނެރުނީމަ ރަނގަޅައް ތިބި މީހުންވެސް ގޯސް މިވަނީ.

 3. ޚ

  މި ހުރިހާ ކަމެއް ކޮށް ވެސް ކާމިޔާބު ނުވީމަ ދެން ހަދާނީ ކިހިނެތް.

  • ޙިޔާލު

   ރޯދަ ހިފާނީ އޭރުން ކެއުން ކޮންޓްރޯލް ކުރަން އެހީވެދޭނެ

   11