ހުރިހާ ބާވަތެއްގެ ކެންސަރު ސެލްތައް މަރާލެވޭނެ ފަދަ ވައިރަހެއް އުފެއްދިއްޖެ ކަމަށާއި މިއީ ކެންސަރުގެ ހުރިބާ ބާވަތެއްގެ ބައްޗަށް ހޯދުނު ފަރުވާއެއް ކަމަށް އޮސްޓްރޭލިއާގައި ހަރަކާތްތެރިވާ ސައިންސްވެރިންގެ ޓީމަކުން ބުނެފިއެވެ.

ކެންސަރު ސެލްތައް މަރާލާނެ ވައިރަސް އުފައްދާފައި ވަނީ އޮސްޓްރޭލިއާގެ ބައޯޓެކް ކުންފުންޏެއް ކަމަށްވާ "އިމޫޖީން" ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. މި ވައިރަސް އުފެއްދި ސައިންސްވެރިންގެ ޓީމްގައި އެންމެ އިސްކޮށް ހުރީ އެމެރިކާގެ ޕްރޮފެސަރެއް ކަމަށްވާ ޔުމަން ފޮންގް އެވެ.

ފޮންގް އާއި އޭނާގެ ޓީމުން އުއްމީދު ކުރަނީ އަންނަ އަހަރު މި ފަރުވާ އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރަން ފެށޭނެ ކަމަށެވެ. ފުރަތަމަ ރާވާފައި ވަނީ އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހުންނަށް މި ފަރުވާ ޓެސްޓް ކުރުވާށެވެ.

ޕްރޮފެސަރ ފޮންގް ވިދާޅުވާ ގޮތުގައި މީގެ އަހަރުތަކެއް ކުރިން ވައިރަސްއެއްގެ ސަބަބުން ކެންސަރު ސެލްތައް މަރުވެގެން ގޮސްފައިވާ ކަމުގެ ހެކިތައް ފެންނަން އެބަހުރި ކަމަށެވެ.

"1900 ގެ ކުރީކޮޅު ފެނިފައި ހުރި ހެކިތަކަށް ބަލާއިރު ވައިރަސް އަކުން ކެންސަރު މަރާލެވިދާނެ. އަހަރެމެންގެ ފަރުވާ ބައްޓަން ކުރަމުން މިދަނީ މި އަސަސްގެ މައްޗަށް." ޕްރޮފެސަރ ފޮންގް ވިދާޅުވިއެވެ.

ވައިރަސް އަކުން ކެންސަރުގެ ސެލްތައް މަރާލާއިރު އެ ވައިރަސްގެ ސަބަބުން އިންސާނުން ފުރާނައަށް ފަހުން ނުރައްކާ ވެދާނެ ކަމަށް ބައެއް ތަޖުރިބާކަރުން ލަފާކުރެވެއެވެ. ނަމަވެސް ޕްރޮފެސަރ ފޮންގް ހުރީ ވަރަށް އުއްމީދާއި އެކުއެވެ. އޭނާ ވިދާޅުވާ ގޮތުގައި އެފަދަ މައްސަލައެއް ދިމާނުވާނެ ގޮތައް ފަރުވާ ކުރިއަށް ގެންދެވޭނެއެވެ.

މިފަރުވާ ކްލިނިކްގައި ޓެކްސްކޮށްފައި ވާއިރު ނަތީޖާ ރަނގަޅެވެ. ނަމަވެސް އެންމެ މުހިއްމު ޓެސްޓްތަކުގެ ނަތީޖާ އެންމެ އަވަހަށް ވެސް ލިބޭނީ އަންނަ އަހަރުއެވެ. އެއީ އިންސާނުން ބޭނުންކޮށްގެން ކުރާ ޓެސްޓްތަކެވެ.