މުއްސަނދި ނޫން ނަމަވެސް ޝާހީކޮށް ތިބެން ބޭނުންވާ އެތައް ބަޔަކު އުޅެއެވެ. އެހެން ނަމަވެސް ގިނަ މީހުން ޝާހީ ސްޓައިލަކަށް ހެނދުން އަޅައި މޭކަޕްކުރަން ބޭނުންވި ކަމުގައި ވީނަމަވެސް "ލޮނު ހެޔޮވަރެއް" ނުވެއެވެ. އޭގެ އެންމެ ބޮޑު ސަބަބެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރަމުން އަންނަނީ ޝާހީ އާއިލާތަކުގެ މީހުން، ހެދުން އެޅުމުގަޔާއި މޭކަޕް ކުރުމުގައި ބަލާ ކަންކަމަށް އެެހެން މީހުންނަށް ނުބެލޭ ކަމެވެ.

ޝާހީ ސްޓައިލެއް ބޭނުންވާ ނަމަ ނިޔަފަތީގައި ޖައްސާ ކުލައާއި މެދު ވިސްނައިލުން ކޮންމެހެން ބުއްދިވެރިއެވެ. ބޭރުގެ ޝާހީ އާއިލާތަކަށް ބަލާނަމަ އެމީހުންގެ ތެރޭގައި އަލި ކުލަކުލަ ނިޔަފަތީގައި ޖައްސައެއް ނޫޅޭނެއެވެ. ކުއީން އެލްޒެބަތަށް އެންމެ ކަމުދާ ނިޔަފަތީގައި ޖައްސާ ކުލަ ތަކަކީ މަޑު މުށި ކުލަ ނުވަތަ މަޑު ފިޔައިތޮށި ކުލައެެއް ކަމަށް އެލިޒިބަތުގެ ސްޓައިލިސްޓުން ވަނީ ބުނެފައެވެ.

އަދި މޭގަން މާކަލް ވެސް ޕްރިންސް ހެރީ އާއި ކައިވެނި ކުރިފަހުން ލޮލުގައި އަޅައިގަންނަހާ ގަދަ ނުވަތަ އަލި ކުލައެއް ނުޖައްސައެވެ. އެއީ ޝާހީ އާއިލާ ތަކުގެ ގަވައިދު ކަމަށްވެސް ވެދާނެ ތާއެވެ.

މޫނު ސިމްޕަލް ކޮށް ބެހެއްޓުމަކީވެސް ޝާހީ އާއިލާތަކުގެ މީހުން ވަރަށް ވިސްނާ ކަމެކެވެ. ޝާހީ އާއިލާ އަކަށް ނިސްބަތްވާ އަންހެނަކު އާންމު ބަހުން ނަމަ "ކަންތައް ބޮޑުކޮށް" މޭކަޕް ކޮށްފައި ހުއްޓާ މިހާތަނަކަށް ނުފެނެއެވެ. އެއީ އެއާއިލާ ތަކުގައި މޭކަޕް ކުރުމަށްވެސް ވަކި މިންގަނޑެއް ނުވަތަ ގަވައިދު ތަކެއް ގެންގުޅޭތީތާއެެވެ.

ލޯމަތީގައި ގަދަ ކުލަތައް ޖެއްސުމުގެ ބަދަލުގައި އެމީހުން ބޭނުން ކުރަނީ މަޑު ކުލަކުލައެވެ. އަދި ގިނަ ފަހަރަށް ލޯމަތީގައި ޖައްސާ ކުލަ ނުވަތަ އައި ޝެޑޯ ބޭނުން ިކުރުމުގެ ބަދަލުގައި ހަމައެކަނި އަނދުންކޮޅަކުން ފުއްދާލައިފައި ހުންނަ މަންޒަރުވެސް އެފަރާތްތަކުގެ ސްޓައިލަށް ނަޒަރު ހިންގާ މީހުންނަށް ފެންނާނެއެވެ. އޭގެ ތެރެއިންވެސް މޭގަން މާކަލް އަކީ އެމިންގަނޑުތަަަކަށް ވަރަށް ވިސްނައިގެން އުޅޭ ޝާހީ އާއިލާގެ މެންބަރެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އެގޮތުން ގިނަ ފަހަރަށް މޭގަން ތުންފަތުގައި ޖައްސާފައި ހުންނަނީ ހަންގަނޑާ ގުޅޭ މަޑު ފިޔައިތޮށި ކުލައެކެެވެ. ތުންފަތުގައި އާންމުުކޮށް އަންހެން ކަނބަލުން ޖެއްސުމަށް ބޭނުންކުރާ ކުލަތައް ޖެއްސުމުގެ ފުރިހަމަ އިހްތިޔާރު ޝާހީ އާއިލާތަކަށްވެސް އޮވެއެވެ. އެހެން ނަމަވެސް އެކުލަތައް ޖައްސަނީ ދުވަހާއި ކަންކަމާއި ގުޅުވައިގެންނެވެ. އަދި ގަދަ ކުލައެއް ޖައްސައިފި ނަމަ މޫނުގައި ހުންނަ މޭކަޕް މަދުކުރެވޭތޯ އެމީހުން މަސައްކަތް ކުރެއެވެ.

މިއީ ޝާހީ އާއިލާތަކުގެ މެންބަރުން އަމަލު ކުރާ މަދު ކަންކަމެވެ. އަދިވެސް އެތައް ކަމަަކަށް އެފަރާތްތަކުން ވިސްނައެވެ. ޝާހީ ސްޓައިލަކަށް ހުރުމަކީ ހަމައެކަނި ތިމާގެ މުއްސަނދިކަން ދެއްކުމަށް ކުރާ ކަމެއް ނޫނެވެ. ސަރުކާރުގެ ވުޒާރާތަކުން ފެށިގެން އާންމުން އެއްވާ އެކި މުނާއްސަބަތު ތަކަށް ދާނަމަވެސް މިގޮތަށް ސްޓައިލް ބެހެއްޓުމަކީ މުހިންމު ކަމެކެވެ.