ޔޫޓިއުބް ތަރިންގެ މެދުގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު، އަދި އެންމެ ވާދަވެރި ކުރިމަތިލުމުގައި، ރޭ ލޯގަން ޕައުލް އާއި ބޮކްސިންގް ތެޅުމުގައި ވާދަކޮށް، ކޭ.އެސް.އައި ކުރިހޯދައިފިއެވެ.

ކޭއެސްއައި ބޮކްސިންގް މެޗު ކާމިޔާބު ކުރީ ޖަޖުންގެ 'ސްޕްލިޓް ނިންމުމަކުން' ނެވެ. މެޗުގެ ވަކި ހިސާބަކުން ކޭއެސްއައި ވެއްޓެން ދިޔަ ގަޑީގައި ލޯގަން ޕައުލް ކޭއެސްއައި ގައިގައި ޖެހުމުން އޭނާ އަތުން ވަނީ 2 ޕޮއިންޓް އުނިކޮށްފައެވެ. މެޗުގެ ނަތީޖާއާއި މެދު ބައެއް ސަޕޯޓަރުން ހިތްހަމަނުޖެހެއެވެ. ނަމަވެސް، ކޭއެސްއައި މެޗުން މޮޅުވުން ހައްގުކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ބޮކްސިންގް މެޗުގެ ފުރަތަމަ 4 ރައުންޑްގައި ގިނަ ހަމަލާތަކެއް ލޯގަން ޕައުލް އަށް އަމާޒުކޮށްފައިވަނީ އޭނާގެ ކަނާއަތް ބޭނުންކޮށްގެން ކޭއެސްއައި އެވެ.

ލޯގަން ޕައުލް ވަނީ ފަހު ރައުންޑްތަކުގައި ހިތްވަރު އާކޮށް، ކޭއެސްއައި އަށް ވަރުގަދަ 2 ހަމަލައެއް އަމާޒުކޮށްފައެވެ. ނަމަވެސް، ފަހު 2 ރައުންޑް އާ ހަމަޔަށް ދޫނުދީ ކޭއެސްއައި ވަނީ މެޗު ފުރިހަމަކޮށް، 57-54, 56-55, 55-56 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. އެމެރިކާގެ ލޮސް އެންޖަލެސްގައި އިއްޔެ ރޭ ވާދަކުރި ޔޫޓިއުބް ތަރިންގެ މެޗަކީ އިންޓަނެޓް އެތައް ރިކޯޑެއްވެސް މުގުރާލާފަވާނެ މެޗެއް ކަމަށް ބައެއް ފަރާތްތަކުން މިހާރުވެސް ޤަބޫލުކުރެއެވެ.

ޔޫޓިއުބް ފަންނާނުންގެ ތެރެއިން އެންމެ ކުރީއްސުރެ އާއްމުންގެ މެދުގައި ބޮޑަށް މަޝްހޫރުކަން ލިބިފައިވާ، އިނގިރޭސިވިލާތަށް އުފަން ކޭއެސްއައި، އެންމެ ފުރަތަމަ ޔޫޓިއުބްގައި ހަދަން ފެށީ ގޭމިންގް ވީޑިއޯތަކެވެ. 2008 ވަނަ އަހަރުން ފެށިގެން 'ފީފާ' އާއި އަދި އެހެނިހެން ކޮމްޕިއުޓަރ ގޭމްތައް އޭނާ ކުޅޭ ތަން، އަޑާއެކު، ކޮމެންޓްރީ ގެނެސްދެމުން ގޮސް އިންޓަނެޓުގައި މަޤުބޫލުކަން ހޯދަން ފެށިއެވެ. ފަހުން އޭނާގެ މަޝްހޫރުކަން ބޮޑުވެގެން ދިޔަ ގޮތަށް، މިހާރު އޭނާއަކީ 'އިންޓަނެޓް ސެލެބްރިޓީ' އެކެވެ. ލަވަކިޔުންތެރިއެކެވެ. ފަންނާނެކެވެ. މިލިއަނަރެކެވެ.

ޔޫޓިއުބް ތަރިންގެ ބޮކްސިންގް ޗެމްޕިއަން ކޭއެސްއައި، ވަނީ މީގެ ކުރިން ޖޯ ވެލަރ ވެސް ބަލިކޮށްފައެވެ. މެޗުން ކާމިޔާބު ހޯދުމަށްފަހު އަލުން ލޯގަން ޕައުލް އާ ވާދަކުރަން ބޭނުންތޯ އޭނާއާ ސުވާލު އަމާޒުކުރެވުމުން، ކޭއެސްއައި ބުނެފައިވަނީ، "މިކަން ނިމިއްޖެ، ދެން ބޭނުންވަނީ އެހެން ކަމެއް." ލޯގަން ވަނީ އޭނާ ބަލިވުމުގައި އޭނާގެ އަތުން އުނިކުރި 2 ޕޮއިންޓާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ، އަދި އޭނާ އަލުން ކޭއެސްއައި އާ ވާދަކުރަން ބޭނުންކަން ހާމަކުރިއެވެ. "އަހަރެން އަދި ބޭނުން، ކޭއެސްއައި އާ ވާދަކުރަން. މިއީ އަހަރެންގެ ހަޔާތުގައިވެސް ޚާއްސަ ދަނޑިވަޅެއް. ޕްރެކްޓިސް ކުރި ވަރަކަށް އަހަރެންނަށް އިތުބާރު ލިބޭ."

ކިޔުންތެރިންގެ ހިޔާލު