ބުރަކަށީގައި ރިހުމަކީ ބަލިވެއިނުމަށްފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ ކަމެކެވެ. ބަލިވެއިންނަ އަންހެނުންގެ ތެރެއިން %70 -50 އަންހެނުންނަށް ބަލިވެއިނުމާއި ގުޅިގެން ބުރަކަށީގައި ރިހުމުގެ އުދަގުލާއި ކުރިމަތިލާން ޖެހެއެވެ. މާބަނޑުވުމުގެ ކުރިން ހެލިފެލިވެއުޅުން މަދުވުމަކީ ވެސް މާބަނޑުވުމުން ބުރަކަށީގައި ރިހުން ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.

އާންމު ގޮތެއްގައި މާބަނޑު ދުވަސްވަރު ބުކަރަށީގައި ރިހެނީ، އެތައް ސަބަބުތަކަކާއި ހެދިއެވެ. އެގޮތުން މާބަނޑު މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ބުރަކަށީގައި ރިހެނީ ބަރުދަން އިތުރުވުމުގެ ސަބަބުންނެވެ. މީގެ އިތުރުން ހޯމޯންގެ މިންވަރު އިތުރުވުމާއި، މަސްތައް ވަކިވުމުގެ ސަބަބުންވެސް ބުރަކަށީގައި ރިހުމަށް މަގުފަހިވެއެވެ. އަދި މާބަނޑު ދުވަސްވަރު ކޮޅަށް ހުންނަ ގޮތަށް ބަދަލުއައުމުގެ ސަބަބުންނާއި، މާބޮޑަށް ފިކުރު ކުރުމުގެ ސަބަބުންވެސް ބުރިކަށީގައި ރިހެއެވެ.

މިގޮތަށް މާބަނޑު ދުވަސްވަރު ބުރިކަށީގައި ރިއްސުން ކުޑަ ކުރުމަށް ކުރެވިދާނެ އެތައް ކަމެއް އެބަ ހުއްޓެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި، މާބަނޑު ދުވަސްވަރު ކުރަންޖެހޭ ކަމަކީ ކަސްރަތުކުރުމެވެ. ގަވާއިދުން ކަސްރަތުކުރުމަކީ މަސްތައް ވަރުގަދަކޮށްދީ، ހަށިގަނޑަށް ލިބިދޭ އެކި ފަރާތަށް ގުދުވެ، ލެނބިހެދުމުގެ ގާބިލިއްޔަތު އިތުރުކޮށްދޭނެ ކަމެކެވެ. އަދި މިއީ މައިބަދައާއި، ބުރަކަށްޓަށް ކުރާ ބާރު ވެސް ކުޑަކޮށްދޭނެ ކަމެކެވެ. މާބަނޑު ދުވަސްވަރު ރައްކާތެރިކަމާއެކު ގިނަ އަންހެނުންނަށް ކުރެވިދާނެ ކަސްރަތުތަކުގެ ތެރޭގައި ހިނގުން، ފެތުން، އަދި ކަސްރަތީ ބައިސްކަލް ދުއްވުން، "ސްޓްރެޗިންގ އެކްސަސައިޒް" ފަދަ ކަންތައްތައް ހިމެނެއެވެ.

މާބަނޑު ދުވަސްވަރު ބުރަކަށީގައި ރިއްސުން ކުޑަކުރުމަށް ދެން ކުރަންވީ ކަމަކީ ބުރިކައްޓަށް ހޫނުކުރުމާއި، ފިނިކުރުމެވެ. ބުރަކަށްޓަށް ހޫނުކުރުމާއި، ފިނިކުރުމަކީ ވެސް ތަދުކުޑަކޮށްދީފާނެ ކަމެކެވެ. އެގޮތުން ޑޮކްޓަރާއި ވާހަކަދެއްކުމަށްފަހު، ތަދުވާ ހިސާބު، 20 މިނިޓް ވަންދެން، ދުވާލަކު ދެތިން ފަހަރު ފިނިފެނުން ބޮޑިތާން ކުރެވިދާނެ އެވެ. 3-2 ދުވަހު ފިނިފެނުން ބޮޑިތާންކުރުމަށްފަހު، ހަމައެގޮތަށް ތަދުވާ ހިސާބު ހޫނު ފެނުން، ބޮޑިތާން ކުރެވިދާނެ އެވެ. ނުވަތަ ހޫނުފެން ހަމާއި، ހޫނު ފެންފުޅި، ނުވަތަ ހޫނުފެން ޕެޑު ބޭނުންކޮށްގެން ވެސް ބޮޑިތާން ކުރެވިދާނެ އެވެ. އެހެންނަމަވެސް މާބަނޑު ދުވަސްވަރު ބަނޑަށް ހޫނުކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

މާބަނޑު ދުވަސްވަރު މީހާގެ ބަރުދަން އިތުރުވި ނަމަވެސް، ހަށިގަނޑު ސީދަލަސް ބަހައްޓައިގެން އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ހިނގާ، އިށީދެ، އަދި ކޮޅަށް ހުރުމާއި، ތަކެތި އުފުލާ ހަދާއިރު ވެސް ހަށިގަނޑަށް ސީދަލަށް ބެހެއްޓޭތޯ ބެލުން ވަރަށް މުހިންމެވެ. އެއްޗެއް އުފުލުމަށް ނުވަތަ ނެގުމަށް އުނަގަނޑު ލައްބާނަމަ ބުރަކަށި ސީދަލަށް ބެހެއްޓުމަށްފަހު ދެކަކޫ ލަންބާލާށެވެ.

މީގެ އިތުރުން، ހަރު ގޮދަނޑިއެއްގައި ނިދަން އާދަކުރުމާއި، ފުންނާބު އުސް ފައިވާން، ނުވަތަ ބޫޓަށް ނޭރުމާއި، އުއްޑުން އޮވެ ނުނިދުން އަދި ބަރު އެއްޗެތި ނުއުފުލުމަކީވެސް މާބަނޑު ދުވަސްވަރު ބުރިކަށީގައި ރިއްސުމުން ދުރުކޮށްދޭ ކަމެކެވެ.