މަސްތުގެ ހާލަތުގައި ހުރި ފިރިހެނަކު ފްލައިޓު ޓެކްސީ ކުރަމަށް ތައްޔާރުވަމުން ގެންދިޔަ ވަގުތު ފްލައިޓުގެ އެމަޖެންސީ ދޮރު ލުއްސާލައިފިއެވެ.

ތައިލެންޑުގެ ޗިއަންގް މައި އިންޓަނޭޝަނަލް އެއާޕޯޓުގައި މި ހާދިސާ ހިނގުމާއި އެކު އެވަގުތު އެ ފްލައިޓު ތެރޭ ތިބި 86 ޕަސެންޖަރުން ވަނީ ބިރުން ހަޅޭލަވަން ފަށާފައެވެ. އެ މީހާ އެމަޖެންސީ ދޮރު ހުޅުވުމާއި އެކު އޮޓޮމެޓިކުން އެ ދޮރާއި ދިމާލުން ވަނީ ސްލައިޑެއް ނިކުމެފައެވެ. އެ ސްލައިޑަކީ އެމަޖަންސީ ހާލަތްތަކުގައި ޕަސެންޖަރުން ފަސޭހައިން އަވަސްކަމާއި އެކު ފްލައިޓުން ފޭބުމަށް ބޭނުންކުރާ ސްލައިޑެކެވެ.

ދޮރު ހުޅުވުމާއި އެކު އެމަޖެންސީ ސްލައިޑު ވެސް ވަނީ ހުޅުވިފައި

އެ މީހާ ދޮރު ހުޅުވުމާއި އެކު ފްލައިޓުގެ ކެބިން ކުރޫ އިންނާއި އެއާޕޯޓު ސެކިއުރިޓީ އިން ވަނީ ވަގުތުން އޭނާ ހިފާއްޓައި ކަމާ ބެހޭ ފަރާތްތަކާއި ހަވާލުކޮށްފައެވެ. ރާ ބޮއިގެން ހުރި އެމީހާ ކުރި ކަންތަކުގެ ސަބަބުން އެ ފްލައިޓު ވަނީ 1 ގަޑިއިރާއި 20 މިނެޓަށް ޑިލޭވެފައެވެ.

އަދި އެކަމުގެ ސަބަބުން އެ ފްލައިޓު އޮޕަރޭޓު ކުރާ އެއާލައިނަށް ވަނީ 600،000 ބާތު ނުވަަތަ 3 ލައްކަ އަށް ވުރެން ގިނަ ދިވެހި ރުފިޔާގެ ގެއްލުންވެފައި ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެ މީހާ މިގޮތަށް ކަންތައް ކޮށްފައި ވަނީ ކީއްވެގެން ކަމެއް ސާފު ނުވި ނަމަވެސް، ފްލައިޓަށް އަރާ ބައެއް ޕަސެންޖަރުން އެމެންޖެންސީ ދޮރު ހުޅުވުމަކީ މަދުން ނަމަވެސް ހިނގާ، އަދި އެހައިމެ ނުރައްކާތެރި ކަމެކެވެ.