އާޖެންޓީނާގައި އުމުރުން އެންމެ 10 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ އެއްބަނޑު އެއްބަފާ ބޭބެގެ ޖިންސީ ގޯނާގެ ޝިކާރައަކަށްވެ، ބަލިވެ އިނދެއްޖެއެވެ.

މިޚަބަރު އާޖެންޓީނާގެ ނޫސްތަކުން މިއަދު ރިޕޯޓް ކުރުމާއި އެކު ބައިނަލްއަޤުވާމީ ބޮޑެތި މީޑިއާތަކުން ވެސް ގެންދަނީ މި ޚަބަރު ގެނެސްދެމުންނެވެ. މި ޚަބަރު އަޑުއެހި އެންމެނަށް ވެސް ވަނީ ކުއްލި ހައިރާންކަމެއް ލިބިފައެވެ. ސަބަބަކީ މިއީ ދުނިޔޭގެ ނިސްބަތުން ވެސް ވަރަށް މަދުން ނޫނީ ނުހިނގާ ފަދަ ލަދުވެތި އަމަލަކަށް ވުމެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 10 އަހަރުގައި ބަލިވެ އިން އަންހެން ކުއްޖާގެ ބަނޑަށް މިހާރު އަށް މަސް ވެއްޖެއެވެ. އޭނާ އަށް ޖިންސީ ގޯނާ ކޮށްފައި ވަނީ އުމުރުން 15 އަހަރުގެ ބޭބެ އެވެ. ބޭބެ ވަނީ އެތައް ފަހަރަކު އޭނާގެ ކޮއްކޮ ރޭޕް ކޮށްފައެވެ.

މިހާދިސާ ހިނގީ އާޖެންޓީނާގެ އުތުރުގައި އޮންނަ މިސިނެސް ގައެވެ.

އާއިލާ އާއި ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި ފިރިހެން ކުއްޖާ އޭނާގެ ކޮއްކޮ ރޭޕް ކުރިކަން އެނގުމާއި އެކު އޭނާ ގެއިން ނެރެ އާއިލާ މީހުން ވަނީ އޭނާ އާއި ގުޅުން ކަނޑާލާފައެވެ.

މި މައްސަލަ މިހާރު ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ. ފުލުހުންގެ ސަމާލުކަމަށް މިމައްސަލަ ގެނައީ އަންހެން ކުއްޖާ ބެލި ޑޮކްޓަރެވެ. އަންހެން ކުއްޖާ ޑޮކްޓަރަށް ދެއްކުމުން އުމުރުން އެހައި ހަގު ކުއްޖަކު ބަލިވެ އިންކަން ފާހަގަ ކުރެވުމާއި އެކު ޑޮކްޓަރ ވަނީ ފުލުހުންނަށް މައްސަލަ ރިޕޯޓް ކޮށްފައެވެ.

އަންހެން ކުއްޖާ އަށް މިހާރު ރަސްމީ ފަރާތްތަކުން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެކުއްޖާ އަށް ޖިންސީ ގޯނާކުރި ބޭބެ ވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އަދި އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ.