އެކި ފަހަރު މަތިން އިސްތަށިގަނޑުގެ ކުލަ ޖެއްސި ޗައިނާ އަންހެނަކަށް ބޮޑު ގެއްލުމެއް ލިބިއްޖެއެވެ.

ޗައިނާގެ ހަރބިންއަށް ނިސްބަތްވާ އެ މީހާ އެންމެ ފުރަތަމަ އިސްތަށިގަނޑުގައި ކުލަ ޖައްސަން ފެށީ އިސްތަށިގަނޑު ނުރަވާން ފެށުމުންނެވެ. އެއިރު އޭނާގެ އުމުރަކީ 30 އަހަރެވެ. އެއިރު ކުލަ ޖެއްސި ފަހުން އޭނާގެ އިސްތަށިގަނޑު ވަރަށް އަވަަހަށް ދިގުވާން ފެށިއެވެ. އުމުރުން 40 އަހަރު ފުރުމުން އޭނާގެ އިސްތަށިގަނޑަށް އައި ބަދަލާއެކު އޭނާ ކޮންމެ މަހެއް އެއްފަހަރު އިސްތަށިގަނޑުގައިި ކުލަ ޖައްސައެވެ.

އިސްތަށިގަނޑުގެ ކުލަޖެއްސުމަަށް ކެމިކަލްތައް ބޭނުންކުރެއެވެ. މީގެ ދެ މަހެއްހާ ދުވަސް ކުރިން މި އަންހެން މީހާގެ މޫނު މައްޗަށާއި ހަށިގަނޑަށް ބަދަލުތަކެއް އަންނަން ފެށިއެވެ. މީހާ މާބޮޑަށް ވަރުބަލިވުމާއި، ނޭވާ ކުރުވުމާއި، ލޯ ރީނދޫވުން ފަދަ މައްސަލަތައް ކުރިމަތިވާކަން އޭނާގެ ފިރިމީހާއަށް ފާހަގަވެގެން ގެންދިޔައީ ޑިޕާޓްމެންޓް އޮފް އިންފެކްޝަން މެޑިސިންއަށެވެ.

އޭނާގެ ގިނަ ޓެސްޓުތަކެއް ހެދިއެވެ. އެ ޓެސްޓުތަކުގެ ނަތީޖާތަކުން ދައްކާގޮތުގައި، އޭނާގެ ހަށިގަނޑުގައި ބިލްރުބިން ހުރީ ހުންނަން ޖެހޭ ވަރަށް ވުރެ މަތީގައެވެ. ބިލްރުބިން އަކީ އެނީމިއާ އާއި، ޖައުންޑިސް އަދި ފުރަމޭ ބަލިތަކުން ފެންނަ ބާވަތެކެވެ. އެއީ ރެޑް ބްލަޑް ސެލް ބްރޭކް ޑައުންވުމުން ފެންނަ ރީދޫ ކުލައިގެ ޕިގްމެންޓެކެވެ.

ޑޮކްޓަރުން ހޯދި ހޯދުންތަކުން އެނގުނުގޮތުގައި، އޭނާއަށް މިގޮތަށް މެދުވެރިވީ މާގިނަން އިސްތަށިގަނޑުގައި ކުލަޖައްސާތީއެވެ.

މިހާރު ދެމުންދާ ފަރުވާތަކުން އޭނާގެ ފުރަމެއަށް ދިމާވެފައިވާ ސިއްހީ މައްސަލައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ޑޮކްޓަރުން އުއްމީދު ކުރެއެވެ. ޑޮކްޓަރުން ބުނާ ގޮތުގައި އެހާ ކައިރި ކައިރީ އިސްތަށިގަނޑު ކުލަޖައްސާނަމަ ހީނުކުރާވަރުގެ ގެއްލުންތައް ހަށިގަނޑަށް ލިބޭނެއެވެ. އަދި އިސްތަށިގަނޑު ކުލަޖައްސާފައި ދެންް އަނެއްކާ ކުލަޖައްސަން ބޭނުންނަމަ މަދުވެގެން ހަ މަސް ދުވަހުގެ ބްރޭކެއް ބޭނުންވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު