ދުއްވަމުން ދާ ވެހިކަލެއް އެކްސިޑެންޓްވީ ނަސީބު ރަނގަޅު ކަމުން ކަމަށް ބުނުމުން އެއީ ހައިރާންކަން ގެނުވާނެ ކަމެކެވެ. ނަމަވެސް މިއެކްސިޑެންޓްވި ދިމާވި މީހުން ބުނަނީ އެމީހުން އެކްސިޑެންޓް ވުން އެއީ އެމީހުންގެ ނަސީބު ކަމަށެވެ.

އެމެރިކާގެ ކެލިފޯނިއާގައި ނޮވެމްބަރ 01 ވަނަ ދުވަހުގެ ރޭ އެއިމީ ގްރީން އާއި އޭނާގެ ލޯބިވެރިޔާ ޖިއާނީ ވެސްލާކް ކާރު ދުއްވަމުން ދަނިކޮށް އެކްސިޑެންޓެއް ހިނގިއެވެ. އެކްސިޑެންޓްގައި ޖިއާނީ އަށް މާބޮޑު އަނިޔާއެއް ނުލިބެއެވެ. ނަމަވެސް އެއިމީ ހޭނެތުނެވެ.

އުމުރުން 24 އަހަރުގެ އަންހެނެއް ކަމަށްވާ އެއިމީ ހޮސްޕިޓަލަށް ގެންގޮސް ބެލިއިރު އޭނާ އަށް ވެސް މާބޮޑު އަނިޔާއެއް ނުލިބެއެވެ. ތަނެއް ބިނދި، ނުވަތަ ޒަހަމެއް ވެފައެއް ނެތެވެ. ނަމަވެސް ހޮސްޕިޓަލްގެ ރޫޓިން އޮންނަ ގޮތުން އިތުރު ޓެސްޓްތަކެއް ހަދަން އެއިމީ އަށް ޖެހުނެވެ.

"ކާރު އެކްސިޑެންޓަކަށް ވާތީ ހޮސްޕިޓަލްގެ ރޫޓިން ޗެކަޕްތަކެއް ހަދަން ޖެހުނު. ފުރަތަމަ ޖެހުނީ ސީޓީ ސްކޭނެއް ހަދަން. އެސްކޭނަށް ފަހު ޑޮކްޓަރުން އަންގައިފި އެމްއާރްއައި ޓެސްޓެއް ހަދަން. އެޓެސްޓަށް ފަހު އެ ރޭ މެންދަމު ޑޮކްޓަރު ބުނީ އަހަރެންގެ ބޮލުގައި ޓިއުމަރެއް އުފެދިފައިވާ ކަމަށް. އެޓިއުމަރު އަހަރެންގެ ބޮލުގައި އިންނަތާ އަހަރެއްހާ ދުވަސް ވެދާނެ ކަމަށް." އެއިމީ އޭނާގެ ފޭސްބުކްގައި ލިޔެފައި ވެއެވެ.

އެއިމީ ބުނީ އޭނާގެ ބޮލުގައި ޓިއުމަރެއް އުފެދިފައިވާކަން އެނގުނީ އެކްސިޑެންޓްގެ ސަބަބުން ހޮސްޕިޓަލަށް ދައްކަން ޖެހުމުން ކަމަށާއި އެހެންކަމުން އެކްސިޑެންޓަކީ އޭނާގެ ނަސީބު ކަމަށެވެ.

އެއިމީ މިހާރު ގެންދަނީ އޭނާގެ ބޮލުގައި އުފެދިފައިވާ ޓިއުމަރުގެ ސަބަބުން ފަރުވާ ކުރަމުންނެވެ. ޓިއުމަރު ނަގަން އޮޕަރޭޝަނެއް ކުރަން ޖެހޭނެކަން އަދި އެނގޭނީ ހަފްތާއެއްހައި ދުވަސް ފަހުން ކަމަށް އޭނާ ބުންޏެވެ.

ޓިއުމަރެއް އުފެދި ފަރުވާ ނުކުރެވި ގިނަދުވަސް ވުމަކީ ފުރާނައަށް ވެސް ނުރައްކާ ވެދާނެ ކަމެކެވެ. ނަމަވެސް ޓިއުމަރެއް އުފެދިފައިވާކަން އަވަހަށް އެނގިއްޖެނަމަ ގިނަ ފަހަރަށް ފަރުވާކޮށް ހާލު ރަނގަޅު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހަމަދު

    ވަރަން ބޮޑު ނަސީބެން

    24
  2. އަޅުގަނޑު

    އަލްހަމްދު ލިﷲ

    8
    1