އެމެރިކާގެ ސެން ފްރެންސިސްކޯގައި ފުލުހުން ވަރަށް އާދަޔާއި ޙިލާފު ގޮތަކަށް މީހަކު ހައްޔަރުކޮށްފިއެވެ. އެމީހާ އަށް ކުރެވުނުހާވެސް ކަމަކީ ސޭންޑްވިޗެއް ކާލެވުމެވެ.

މިމަހުގެ ކުރީކޮޅު ހިނގި މި ހާދިސާގައި އެފްރިކާ-އެމެރިކާ ދަރިކޮޅުގެ މީހެއް ކަމަށްވާ ބިލް ގްލުކްމެން ހައްޔަރު ކޮށްފައިވަނީ ރޭލު ޕްލެޓްފޯމްގައި "ގަވާއިދާއި ޙިލާފަށް" ސޭންޑްވިޗެއް ކެއި މައްސަލައިގައެވެ. ބިލް ހައްޔަރު ކުރަން އުޅުމުން އޭނާ 2 ފުލުހަކާ ޖަދަލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އޭނާ ވަނީ ފޭސްބުކްގައި ހިއްސާކޮށްފައެވެ.

އެ ވީޑިއޯގައި ފުލުސް މީހާ ބިލް އާ ދިމާލަށް އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ބުނާ އަޑުއިވެއެވެ. ނަމަވެސް ފުލުހުންގެ އެ ނިންމުމަށް ބިލް ވަނީ ނުރުހުން ފާޅުކޮށް، އެކަމަށް އެމީހުންނާ ޖަދަލުކޮށްފައެވެ. ބިލް ޤަބޫލުކުރާ ގޮތުގައި އެ ޕްލެޓްފޯމްގައި އެތައް ބަޔަކު ސޭންޑްވިޗް ކާން ތިއްބާ ފުލުހުން ވަކިން އޭނާ ހައްޔަރުކުރަން ޓާގެޓް ކުރީ ކަމަށެވެ.

ބިލްް ކޮށްފައިވަނީ ގަވާއިދާއި ޙިލާފު ކަމެއް ކަން އޭނާއަށް ފުލުހުން ކިޔާދިނެއެވެ. އެމެރިކާގެ މަޝްހޫރު ޓީވީ ޗެނަލް، 'އެންބީސީ' އިންވެސް ވަނީ ރޭލް ޕްލެޓްފޯމްގައި ސޭންޑްވިޗް ކެއުމަކީ ސެންފްރެންސިސްކޯގައި މަނާ ކަމެއް ކަން ޔަޤީންކޮށްދީފައެވެ. ނަމަވެސް، އެއީ ނިސްބަތުން ވަރަށް ކުޑަ ކުށެކެވެ. އެކަަން ކުރާ މީހުންނަށް ނަސޭހަތް ދިނުމުން ފުދޭ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ފުލުހުން ވަނީ ބިލް ކައިރިން އޭނާގެ އައިޑީ ކާޑް ދެއްކުމަށްވެސް އެދިފައެވެ.

"އަހަރެންނަށް ނުފެނޭ އެއްވެސް ސަބަބެއް އަހަރެންގެ ނަންވެސް ކަލޭމެންނަށް އަންގަން ޖެހޭ. އަހަރެން ކުށެއް ނުކުރަން." ބިލް ފުލުހުންނަށް ޖަވާބުދިނެވެ. ފުލުހުން ވަނީ އިރުކޮޅެއް ތެރޭގައި ބިލްގެ ދެއަތުގައި ބިޑި އަޅުވައިގެން އެއްކައިރިއަކަށް ގެންގޮސްފައެވެ.

ފުލުހުން ފަހުން މަޢުލޫމާތު ދިން ގޮތުގައި ބިލް ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް، އޭނާ އަތުގައި ބިޑި އަޅުވައިގެން ގެންދިޔައީ، އޭނާއާ ބެހޭ މަޢުލޫމާތު ދޭން ދެކޮޅު ހެދުމުން ކަމަށެވެ. އަދި އޭނާ ފުލުހުންނަށް އެއްބާރުލުމަށް ދެކޮޅު ހެދުމުން ކަމަށް ފުލުހުން ބުނެއެވެ. މީސްމީޑިއާގައި މިހާރު އާއްމުވެފައިވާ ބިލްގެ ވީޑިއޯ މިހާރު 2 މިލިއަން އަށްވުރެ ގިނަ ފަހަރަށް މީހުން ބަލާފައިވެއެވެ. ބިލް އަށް ފުލުހުންގެ ފަރާތުން ދިމާވި ކަންތައްތަކާ ދެކޮޅު ހެދުމުގެ ގޮތުން ގިނަ ބަޔަކު މިހާރު ދަނީ ރޭލް ޕްލެޓްފޯމްތަކުގައި ތަފާތު ކާ އެއްޗެހި ކަމުން، ވީޑިއޯ ހިއްސާކުރަމުންނެވެ.