އިނގިރޭސިވިލާތަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި އެންމެ މަޝްހޫރު އެއް މަންޒިލަކީ އެގައުމުގެ ވެރިރަށް ލަންޑަންގައި ހުންނަ ބިގް ބެން ގަޑި ޓަވަރެވެ. ބިގް ބެންގެ ރަނގަބީލު އެންމެ ފުރަތަމަ ގޮއްވިފައިވަނީ 11 ޖުލައި 1859 ވަނަ އަހަރުގައެވެ. އެއީ އެ ރަނގަބީލު ޓަވަރަށް އެރުވުނުތާ މާ ގިނަ ދުވަސްތަކެއް ފާއިތުނުވަނީހެވެ.

ހަމަ އެ އަހަރުގެ ސެޕްޓެމްބަރ މަހު އެ ރަނގަބީލު ހަލާކުވެގެން ވަނީ މަރާމާތުވެސް ކުރަންޖެހިފައެވެ. ދަންނަމުތޯ؟ ބިގް ބެން ޓަވަރުގެ ގޮތުގައި ނަން އެތަން މަޝްހޫރުވިޔަސް އެ ޓަވަރަށް ހަގީގަތުގައި ދެވިފައި އޮންނަ ނަމަކީ އެލިޒަބެތް ޓަވަރެވެ. ބިގް ބެންގެ ނަން ދެވިފައި އޮންނަނީ ޓަވަރުގެ އެތެރޭގައި އޮންނަ ރަނގަބީލަށެވެ.

އެ ޓަވަރަކީ ކުޑަކޮށް އެއް އަރިއަކަށް ހުންނަ ޓަވަރެއްކަމަށް ކައިރިން ބަލާލާ މީހުންނަށް ވަރަށް ފަސޭހައިން ފާހަގަކޮށްލެވޭނެއެވެ. ޓަވަރުގެ މަސައްކަތް ފެށިފައިވަނީ 1843 ވަނަ އަހަރުގައެވެ. އަދި 315 ފޫޓު އުސްމިނުގައި ހުންނަ އެ ޓަވަރު ހެދުމުގެ މަސައްކަތް މުޅިން ނިމިފައިވަނީ 1859 ވަނަ އަހަރުގައެވެ.

އޭގެ ފަހުން އެ ޓަވަރަށާއި ބިގް ބެންގެ ރަނގަބީލަށްވެސް ލިބުނު އެކި އެކި ގެއްލުންތަކުގެ ސަބަބުން އެތައް ފަހަރެއްގެ މަތިން ވަނީ މަރާމާތުކުރެވިފައެވެ. މިދިޔަ އަހަރުތެރޭގައި އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ބިގް ބެން ރަނގަބީލުގެ އަޑު ކުރިއަށް އޮތް 4 އަހަރަށް ކަނޑުވާލުމަށް ކުރިން ނިންމާފައި އޮތް ނިންމުމެއްވެސް އާންމުންގެ ހިތްހަމަނުޖެހުމުގެ ސަބަބުން ބަދަލުކޮށްލައިފައެވެ. ބިގް ބެން ވެގެންގޮސްފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތުންނަށްވެސް ވަރަށް ހާއްސަ ލޯތްބެއް ޖެހިފައިވާ ތަނަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތުންފުހި

    އިނގިރޭސި ރާނީއޭ ކިޔުނު "ހަންޓޯޓޯ" ދައިތަގަނޑުވެސް އޮންނަނީ އަރިއަކަށް ގުދަށް....