މިއަހަރުގެ މިހާތަނަށް ދުނިޔޭގެ އެންމެ މަޝްހޫރު މީސްމީޑިއާ ވެބްސައިޓް، ފޭސްބުކްއިން 5.4 ބިލިއަން އެކައުންޓް ބަންދުކޮށްފިއެވެ. މި އެކައުންޓުތައް ބަންދުކޮށްފައިވަނީ އެއީ ހުސް ފޭކް އެކައުންޓްތައް ކަމަށް ފާހަގަވެގެންނެވެ. އެހެންކަމުން، ތިބާ މާ ގަޔާވެގެން ތި ޗެޓު ކުރަނީ ހަމަ އަސްލު މީހަކާ ބާވައޭ މިހާރު ސުވާލު އުފައްދަން މަޖުބޫރުވީއެވެ.

ފޭސްބުކް އިން ބުދަ ދުވަހު ހާމަކުރި ޓްރާންސްޕޭރެންސީ ރިޕޯޓުން ދައްކާ ގޮތުން ފޭސްބުކް އިން އެކަނިވެސް މިއަހަރުގެ މިހާތަނަށް 5.4 ބިލިއަން ފޭކް އެކައުންޓްތައް ވަނީ ބަންދުކޮށްފައެވެ. މިއީ މިދިޔަ އަހަރު ބަންދުކުރި އެކައުންޓްތަކަށްވުރެ ވެސް 2 ބިލިއަން އިތުރު އަދަދެކެވެ.

ފޭކް އެކައުންޓުތައް ހެދުމުގެ އިތުރަށް މިއަހަރަކީ ގިނަ އަދަދަކަށް ނަފްރަތު އުފެދޭ ކަހަލަ ޕޯސްޓު (ހޭޓް ސްޕީޗް) ތައްވެސް ފޭސްބުކްގައި ޝާއިޢުކުރި އަހަރެކެވެ. މިގޮތުން ފާއިތުވެދިޔަ 3 މަސް ތެރޭގައި މި ބާވަތުގެ 11.4 މިލިއަން ޕޯސްޓު ފޭސްބުކް އިން ވަނީ ފޮހެލާފައެވެ. މީގެ އިތުރުން ކުޑަކުދިންގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމާ ގުޅޭ 11.6 މިލިއަން ޕޯސްޓެއްވެސް ފޭސްބުކްއިން ވަނީ މި މުއްދަތުގެ ތެރޭގައި ފޮހެލާފައެވެ.

ފޭސްބުކްގެ ބާނީ، އަދި ސީއީއޯ، މާރކް ޒަކަރބާގް މިކަމާ ގުޅިގެން ބުނެފައިވަނީ ގިނަ އަދަދެއްގެ ފޭކް އެކައުންޓުތައް ބަންދުކުރިއަސް، ކަސްޓަމަރުން ބިރުގަންނަން ޖެހޭ ފަދަ ކަމެއް ނެތް ކަމަށެވެ. "ނަންބަރުތައް އިތުރުވިއަސް، ހާސްވާން ޖެހޭ ފަދަ ކަމެއް ނެތް. މިއިން ދައްކަނީ އަހަރެމެން މިކަންތައްތައް ވަކިކޮށް، ފިޔަވަޅު އަޅަން ގިނަ މަސައްކަތްތަކެއް މިހާރު ކުރެވޭކަން." ޒަކަރބާގް ބުންޏެވެ.

ކަމާބެހޭ މާހިރުން ދެކޭ ގޮތުގައި މިހާ ބޮޑަށް ފޭކް އެކައުންޓްތައް ގިނަވެފައިވާ މައިގަނޑު އެއް ސަބަބަކީ މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެމެެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން، ރޭވިގެން ކަމަށެވެ. އަދި ފޭސްބުކް މެދުވެރިކޮށް ނުބައި މަޢުލޫމާތާއި، ޕްރޮޕަގަންޑާ ފެތުރުމުގެ ފުރުސަތު މިފަހަރު، ކުރީފަހަރުތަކާ އަޅާބަލާއިރު، ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އެ ފަރާތްތަކުން ދެކެއެވެ.

2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ފޭސްބުކް މެދުވެރިކޮށް އިންތިޚާބަށް ނުފޫޒުފޯރުވާފައިވާ ކަމަށް އެމެރިކާގެ ޑިމޮކްރެޓުން ޤަބޫލުކުރެއެވެ. އެ އިންތިޚާބު ކާމިޔާބުކޮށް، ޓްރަމްޕް ރައީސް ކަމަށް ހޮވުމުގައި ފޭސްބުކްގެ ބޭނުން ވަރަށް ބޮޑަށް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް އެމީހުން އަބަދުވެސް ބުނެއެވެ. އެ ކަންތައްތަކުގެ ފަހަތުގައި ތިބީ ރަޝިއާގެ ސައިބާ ގްރޫޕްތަކެއް ކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.

ނުބައި މަޢުލޫމާތު ބޭނުންކޮށްގެން، ފޭކް އެކައުންޓްތައް ހެދުމަކީ ރާއްޖޭގައި ވެސް ވަރަށް އާއްމު ކަމެކެވެ. ނުބައި ނަމަކާއި، ފޮޓޯއެއް ބޭނުންކޮށްގެން ވަކި ކަންތައްތަކެއް ހާސިލްކުރަން ފޭސްބުކްގައި ފޭކް ޕްރޮފައިލް ހަދައިގެން އުޅޭ މީހުން ރާއްޖޭގައި މަދެއް ނޫނެވެ. ރާއްޖޭގައި އާއްމުކޮށް މިފަދަ ކަންތައް ކުރާ މީހުންނާ ދޭތެރޭ ފިޔަވަޅު އެޅުމަކީ ވަރަށް ނުކުރެވޭ ކަމެކެވެ. ނަމަވެސް، ޓެރަރިޒަމްގެ ޤާނޫނަށް ގެނެވުނު ބަދަލުތަކާއެކު، މީހުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް، ނުވަތަ މީހުންނަށް ބިރުދައްކައި، އިންޒާރުދޭ ފަރާތްތަކާމެދު މިހާރު ކަމާބެހޭ ފަރާތްތަކަށް އެއްވެސް ހުރަހަކާނުލާ ފިޔަވަޅު އެޅޭނެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ. އެހެންކަމުން މިކަމާއި މެދު ސަމާލުވުން މުހިއްމެވެ.