އެމެރިކާގެ ސިޓީއެއްގައި ފިރިހެނަކު އޭނާގެ އަނބިމީހާ، ބޮލީވުޑްގެ މަޝްހޫރު ތަރިއެއްގެ މާބޮޑު ފޭނަކަށްވުމުން، އެކަމާއި ހަސަދަވެރިވެ ބޮޑު ލޭ އޮހޮރުވުމެއް ހިންފައިފިއެވެ.
ކުއީންސްގައި ހިނގި މި ހާދިސާގައި އުމުރުން 33 އަހަރުގެ ފިރިހެން މީހާ އޭނާގެ 27 އަހަރުގެ އަނބިމީހާ މަރާލީ، ބޮލީވުޑްގެ މަޝްހޫރު ތަރި، ރިތިކް ރޯޝަންއަށް މާބޮޑަށް ސަޕޯޓްކޮށް އޭނާއަށް އޮތް ލޯބި ހާމަކުރަމުންދާތީ އެކަމާއި ހަސަދަވެރިވެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިހާދިސާގައި މަރުވި އަންހެން މީހާ އަށް އޭނާގެ ފިރިމީހާ ވަޅިން ހަމަލާ ދީފައިވާއިރު، އޭނާގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރާލާފައި ވެއެވެ. މި އަމަލު ހިންގުމަށްފަހު ފިރިހެން މީހާ ވަނީ އެކަން އާއިލާގެ މީހުންނަށް އަންގައި، އޭގެ މާގިނައިރެއް ނުވެ އަމިއްލައަށް ދަންޖެހިގެން މަރުވެފައެވެ.
މި ދެމަފިރިންގެ ދިރިއުޅުމުގެ ކަންކަން އެނގޭ އާއިލާގެ ފަރާތަކުން ނޫހެއްގައި ބުނެފައިވާ ގޮތުގައި، ރިތިކް އަށް އަންހެން މީހާ ސަޕޯޓްކުރާ ވަރުން އެކަމާއި އޭނާގެ ފިރިމީހާ އަބަދުވެސް ހަސަދަވެރިވާ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް އެތައް މަސައްކަތެއް ކޮށްފައިވާ ކަމަށާއި، ނަމަވެސް އެކަމަށް އެއްވެސް ބަދަލެއް ނައުމުން ދެމީހުންގެ ދެމެދުގައި ފަހަކާއި ޖެހެންދެން މައްސަލަ އޮތީ ހޫނުވެފައި ކަމަށް އޭނާ ބުންޏެވެ.
"އޭނާ އަހަރެންގެ ގާތުގައި ކުރިން ބުނި، ފިރިމީހާ އޭނާއަށް ބިރުދައްކައި އަނިޔާކުރާ ވާހަކަ. އަދި ރިތިކްގެ ފިލްމުތައް ނުބެލުމަށާއި ސަޕޯޓް ނުކުރުމަށްވެސް އޮންނަނީ އަންގާފައި. އެގޮތަށް އެކަން ކޮށްފިނަމަ މަރާލާނެކަމުގެ އިންޒާރުވެސް ކުރިން ދިން ކަމަށް ބުނި،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނެފައި ވެއެވެ.
ރިތިކް ބުރުގާ އަޅަން ތިޖެހުނީ.