ހަޔާތުގައި ކުއްޖަކަށް އަންނާނެ އެންމެ އުފާވެރި އެއް ދުވަހަކީ އެކުއްޖެއްގެ އުފަން ދުވަހެވެ. އުފަން ދުވަސް އާއިލާގެ މީހުންނާއި ރައްޓެހިންނާއި އެކު ފާހަގަ ކޮށްލުމަށް ކުރެވޭ އުންމީދާ އެކީގައެވެ. ނަމަވެސް މިފަދަ އުންމީދުތަކަކީ އެންމެންނަށް ހާސިލްކޮށް ފުރިހަމަ ކުރެވޭ އުންމީދަކަށް ނުވެއެވެ. ޚާއްސަކޮށް ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި ދުވަސްތައް ގުނަމުންދާ ކުދިންނަށް މިއީ މަދު ފަހަރެއްގައި ނޫނީ ނުލިބޭ އުފާވެރި ކަމެކެވެ.

މިއީ ފަލަސްތީނަށް އުފަން އުމުރުން 11 އަހަރުގެ ލަޔާން އަބޫ އަލްއަތާ "ވަގުތު" ޙިއްސާ ކޮށްފައިވާ ވާހަކަތަކެވެ. ލަޔާން ބުނެފައިވަނީ އޭނާގެ އުފަން ދުވަހުގައި ލޯ ކުރިމަތިން ފެނިގެން ދިޔައީ ދުވަހުވެސް ދެކެން ބޭނުން ނުވާ ވަރުގެ ހިތްދަތި މަންޒަރެއް ކަމަށާއި ކޭކުގެ އުއްބައްތި ބަދަލުވެގެން ދިޔައީ އިސްރާއީލުގެ ރޮކެޓުތަކަށް ކަމަށެވެ.

"އަހަރެން އުފަން ދުވަހުގެ ކޭކުގައި ޖަހާފައި ތިބި އުއްބައްތި ބަދަލުވެގެން ގޮސްފައިވަނީ އިސްރާއީލުގެ ނުބައި ރޮކެޓުތަކަށް. އެއީ އަހަރެންގެ މޫނު މަތީގައި ހުރި އުފަލުގެ ނިޝާންތައް ފިލައިގެން ދިޔަ ދުވަސް" ލަޔާން ބުންޏެވެ.

ލަޔާންގެ ބައްޕައާއި މަންމަ އޭނާ އާއި ވަކިވެގެން ގޮސްފައިވަނީ އިސްރާއިލް މީހުން ފޮނުވާލި ރޮކެޓު އެމީހުންގެ ގެއަށް އަމާޒުވެގެންނެވެ. ލަޔާން ބުނީ އޭނާ ހުރީ އުފަން ދުވަހުގެ އުފާވެރި ކަމަށް ކެތްމަދުވެފައި ކަމަށާއި އޭނާގެ ބައްޕަ ގެއަށް ނިދަން ނައިކަމުގައި ވިއަސް ބައްޕަވެސް ހުރީ އުފަން ދުވަހު އޭނާއަށް ފެނިލަން ކަމަށެވެ.

"ބައްޕަ އަކީ އިސްރާއީލް މީހުންގެ އުނދަގުލާއި ހެދީ ގެއަށް ނިދަން އަންނަ މީހެއް ނޫން. އަހަރެންގެ އުފަން ދުވަހަށް ވަރަށް އިންތިޒާރު ކުރިން. ބައްޕަވެސް ވަރަށް އިންތިޒާރުކުރި. ބައްޕަ ބޭނުންވީ އަހަރެންގެ އުފަންދުވަހު ހަމަ އެކަނި ފެނިލަން. އެހެނަސް ކަން ހިނގައިދިޔަ ގޮތުން އަހަރެންގެ ހިތް ދިޔައީ ހަލާކުވެގެން."

ލަޔާން ބުނީ އޭނާ ބައްޕަގެ އިންތިޒާރުގައި ހުއްޓާ އަޑު އިވިގެން ދިޔަ ހަބަރަކުން ހިތް ފަޅައިގެން ދިޔަ ކަމަށެވެ. އަދި އިންތިހާއަށް ރޮވުނު ކަމަށެވެ. އޭނާގެ ބައްޕަ އާއި މަންމަގެ އިތުރުން އިސްލާމިކް ޖިހާދުގެ އިސް މެމްބަރަކު އެ ހަމަލާގައި ވަނީ ޝަހީދު ކޮށްލާފައެވެ. ލަޔާންގެ މައިންބަފައިން ޝަހީދުކޮށްލާފައި ވަނީ އޭނާގެ ބައްޕައަށް އިސްރާއިލް ސިފައިން ފާރަލަމުން އަންނަތާ ތިން ވަރަކަށް ދުވަސް ވެފައި ވަނިކޮށެވެ.

އިސްރާއިލްގެ ނިރުބަވެރި ސިފައިން ލަޔާންގެ އުފަން ދުވަހު ފޮނުވާލި ރޮކެޓް ހަވަމާލާގެ ސަބަބުން ލަޔާން އާއި އެއްބަފާ ތިން ކުއްޖަކަށް ވެސް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ. އަދި އޭނާގެ ބައެއް އަވައްޓެރިންނަށް ވެސް މިހަމަލާގައި ބޮޑެތި ޒަހަމްތަކެއް ލިބިފައި ވެއެވެ. މި ހާދިސާގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ހިތުގައި ވަނީ ހާސްކަން ދެގުނަ ވެގެން ގޮސްފައެވެ.