މީގެ 11 މަސް ކުރިން، ސްނޯބޯޑެއް ދުއްވަނިކޮށް ހިނގި ނުރައްކާތެރި ޙާދިސާއެއްގައި ހަށިގަނޑުގެ 17 ކަށިގަނޑު ބިންދައިގެން ގޮސް، އެތައް ދުވަހަކު އެނދުމަތިވެގެން އޮންނަ ޖެހުނު މީހަކު، ވިންޓަރ އޮލިމްޕިކްސްގެ މެޑަލްއެއް ހޯދައިފިއެވެ.

މާކް މެކްމޮރިސް ނަމަކަށް ކިޔާ ކެނެޑާގެ ރައްޔިތަކަށް ކުރިމަތިވި ޙާދިސާގައި އެތައް ވޭނެއް އުފުލުމަށްފަހު، އަލުން ކުޅިވަރުގެ މައިދާނަށް އެނބުރި އައުމަށްފަހު ހޯދި ކާމިޔާބާ ގުޅިގެން އެތައް ބަޔަކު ހައިރާންވެފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އެވާހަކަ ދައްކަމުންނެވެ. އަދި، އެތައް މީޑިޔާގެ ފަލަ ސުރުޙީއިން އެވާހަކަވަނީ ޖާގަ ހޯދާފައެވެ.

ޔޮންޝަންގައި ކުރިއަށްދާ ވިންޓަރ އޮލިމްޕިކްސްގައި ސްނޯބޯޑުގެ މުބާރާތުން، 24 އަހަރުގެ މާކް ތިންވަނަ ހޯދާ ލޯ މެޑަލް ކާމިޔާބުކޮށްފައިވާއިރު، މިކަމާ ގުޅިގެން އޭނާ ބުނެފައިވަނީ މާޒީގެ ވާހަކަ ދައްކަން ބޭނުންނުވާކަމަށެވެ.

"އަހަރެން މިއަދު އެހާ ބޭނުމެއް ނޫން މާޒީގެ މަތިން ހަނދާން ކުރާކަށް، އެކަމަކު އަހަރެން މިއަދު އަހަރެންގެ ސްނޯބޯޑު މަތީގައި ހުރެވޭތީ އެކަން ފާހަގަކުރަން." މެޑަލް ހޯދުމަށްފަހު މީޑިޔާއާ ވާހަކަ ދައްކަމުން އޭނާ ބުނެފައިވެއެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި، ހަށިގަނޑުގެ މުޙިއްމު ކަށިތަކެއް ބިންދައިގެން ދިޔުމުން އޭނާ ކޯމާއަކަށްވެސް ދިޔައެވެ. ކަށިތައް ބިނދުމުގެ އިތުރުން، އޭނާގެ ފުއްޕާމެއަށްވެސް ގެއްލުންތަކެއް ވިއެވެ.