ދޫންޏެއްގެ ހާއްޔަކީ އެއްވެސް ހާލެއްގައި ކެވިދާނޭ އެއްޗެއްކަމަށް ގަބޫލުކުރައްވަންތޯ؟ ޗައިނާގައި ސްވިފްޓްގެ ނަން ދެވިފައިވާ ދޫނީގެ ބާވަތެއްގެ ހާއްޔަކީ އެ ގައުމުގެ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު ބާވަތެއްގެ ސޫޕެކެވެ. ދެން ސުވާލު އުފެދޭނީ ދޫނީގެ ހާއްޔެއް ކިހިނެތްތޯއޭ ސޫޕަކަށް ހަދައިގެން ކާނީ؟ އާންމުކޮށް ދޫނީގެ ހާއްޔަކީ ހިލަކޮޅުތަކާއި ކުދި ދަނޑިކޮޅުތަކުން ހަދާ އެއްޗެކެވެ. ދެން ކިހިނެތްތޯ ސޫޕަކަށް ހަދައިގެން ޗައިނާގެ ރައްޔިތުން އެ ކާނީ؟

މި ދެންނެވުނު ދޫނީގެ ބާވަތަކީ އެހެން ދޫނިތަކާއި މުޅިން ޙިލާފަށް އޭގެ ހާލި އަމިއްލަ ކުޅު ބޭނުންކޮށްގެން އުފައްދާ ދޫންޏެކެވެ. އެދޫނިތަކުގެ ކުޅަކީ ރަބަރު ނުވަތަ ޖެލީ ފަދަ ޒާތަކަށް ހުންނަ އެއްޗެކެވެ. އަދި އެއީ ދުނިޔޭގައި އިންސާނުން ކެއުމަށް ޖަނަވާރެއްގެ ފަރާތުން ހޯދޭ އެންމެ އަގުބޮޑު އެކަތިވެސްމެއެވެ. އެގޮތުން އެ ދޫނީގެ ހާލި ސޫޕަށް ހަދައިގެން ކެވޭ ކެއުމަށް ދެވިފައިވާ ވަނަމަކީ އިރުމަތީގެ ކެވިއާރގެ ނަމެވެ.

އެ ކެއުން އެހާ އަގުބޮޑު ވާ ސަބަބަކީ އެފަދަ ދޫނިތައް ހާލިތައް އުފައްދަނީ އަހަރަކު އެންމެ 35 ދުވަހުގެ މުއްދަތެއްގެ ތެރޭގައިކަމަށްވާތީއެވެ. އަދި ދޫނިތައް އާންމުކޮށް ހާލި ހަދަނީވެސް އައްސޭރިފަށުގައި ހުންނަ އުސް ފަރުބަދަތަކުގެ ހޮހޮޅަތަކުގެ ތެރޭގައިކަމަށްވުމާއިއެކު އެފަދަ ހާއްޔެއް ހޯދައި އެއާއި ހިސާބަށް ފޯރުމަކީ ވަރަށް ބުރަ މަސައްކަތެއްކަމުގައިވާތީއެވެ.

އެ ދޫނީގެ ހާއްޔަކީ ސޫޕުގެ ގޮތުގައި 30 ޑޮލަރާއި 100 ޑޮލަރުގެ އަގެއްގައި ތަށި ތައްޓަށް ވިއްކޭ އެއްޗެކެވެ. އަދި އޭގެ ހާލިތަކުގެ ކިލޯއެއްގެ އަގު 2000 ޑޮލަރާއި 10000 ޑޮލަރާއި ދެމެދުގައިވެސް ވިއްކެއެވެ. އެ ހާލިން އުފެއްދޭ ސޫޕަކީ ދަރިމައިވުމުގެ މައްސަލަތައް ހައްލުކޮށްދިނުމުގެ އިތުރުން ހަށިގަނޑަށް ގިނަ އަދަދަކަށް ޕްރޮޓީން ފޯރުކޮށްދޭ އެއްޗެއްކަމުގައިވެސް ވަނީ ބެލެވިފައެވެ. އަދި މިހާރަކަށް އައިސް އެ ސޫޕް އެންމެ މަގުބޫލުވެފައިވަނީ ޗައިނާގެ އިތުރުން އެމެރިކާއާއި ހޮންގް ކޮންގްގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އެ ހާލީގައި ގިނަ ޢަދަދަކަށް ދޫނީގެ ފުއްޕުވެސް ހުންނާނެދޯ! އެހެންވިއްޔާ ތި ސޫޕް ހާދަ މީރުވާނެޔޭ!

  2. ިއިބްރާހިމް

    މަހަދައިފިން މީގެ ރީޑިންގ ކޮމްޕްރިހެންޝަނެއް.