ފިރިހެނަކު އޭނާ އެޑޮޕްޓް ކޮށްފައިވާ ދެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި 6 އަހަރަށް ޖަލަށް ލައިފިއެވެ.

ސްޓީވެން ވެލްސް ނަމަކަށް ކިޔާ އުމުރުން 49 އަހަރުގެ މި ފިރިހެން މީހާގެ މައްޗަށް ހުކުމް ކޮށްފައިވަނީ އެމެރިކާގެ އިންޑިއާނާގެ އެލެން ކައުންޓީ ކޯޓުންނެވެ.

ފުލުހުން ބުނެފައިވަނީ، ވެލްސް މައްޗަށް ހުކުމް ކޮށްފައިވަނީ އޭނާގެ މައްޗަށް ރޭޕްގެ ތުހުމަތު ސާބިތުވުމުން ކަމަށެވެ. އޭނާ އެކުދިންނާއި ބެހި ރޭޕްކުރަން ފަށާފައިވަނީ އެއްކުއްޖަކަށް 14 އަހަރުގައި ކަމަށާއި އަނެއް ކުއްޖާއަށް 13 އަހަރުން ކަމަށެވެ. އެއީ 2012 ވަނަ އަހަރު އޭނާ ކުރަން ފަށާފައިވާ ކަމެކެވެ.

އޭނާ އެޑޮޕްޓް ކޮށްފައިވާ 2 ކުދިންގެ ތެރެއިން ހަގު ކުއްޖާއަކީ ސިކުނޑީގެ މައްސަލައެއް ހުންނަ ކުއްޖެކެވެ. ވެލްސްގެ ކިބައިން މިދެކުދިންނަށް ސަލާމަތްވެފައިވަނީ 2016 ވަނަ އަހަރުއެވެ. އެއީ އެތަނުން ދޮށީ ކުއްޖާ އޭނާގެ ޓީޗަރަކަށް އެވާހަކަ ކިޔައިދިން ހިސާބުންނެވެ.

އެކުއްޖާ ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އޭނާ އުޅުނީ އެއްވެސް އެއްޗެއް ނުބުނެ އެކަން ހަނދާން ނައްތާލަން ކަމަށެވެ. އެއީ އެވާހަކަ ފެންމަތި ކޮށްފިނަމަ އޭނާގެ ބައްޕަ ޖަލަށް ދާން ޖެހިދާނެތީ ކަމަށާއި އެއީ އޭނާ ބޭނުންވާ ކަމެއް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ. އެހެން ނަމަވެސް މިހާރު އެވާހަކަ ބުނެފައިވަނީ އޭނާއަށް ކެތްނުކުރެވިގެން ކަމަށް އޭނާ ވަނީ އެ ބަޔާނުގައި ބުނެފައެވެ.

މިހާރު އެ ދެކުދިން އެޑޮޕްޓް ކޮށްފައިވާ އެ ފިރިހެން މީހާ ޖަލަށް ލާން ހުކުމް ކޮށްފައިވާ އިރު އެދެކުދިން މިކަމާއި ގުޅިގެން ވަކި އެއްޗޭކޭ ބުނެފައެއް ނުވެއެވެ