ޗައިނާގެ އެއާލައިނެއް ކަމަށްވާ އެއާ ގިއުލިންގެ ފްލައިޓެއްގެ ކޮކްޕިޓަށް އަންހެން ފަސެންޖަރަކު ވެއްދި މައްސަލައެއްގައި، އެ ފްލައިޓުގެ ޕައިލެޓަށް ފިޔަވަޅު އަޅައި ސަސްޕެންޑުކޮށްފިއެވެ.

ނޫސްތައް ބުނާގޮތުގައި މި މައްސަލައިގައި ޕައިލެޓް ސަސްޕެންޑުކޮށްފައި ވަނީ ޤަވާއިދާ ޚިލާފަށް ޕައިލެޓް ފްލައިޓުގެ ކޮކްޕިޓަށް ވެއްދި އަންހެން މީހާ، އެތަނުގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް މީސްމީޑިއާގައި އާންމުކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަމަށް އެކަން އައިސްފައި ވަނިކޮށެވެ. އެ ފޮޓޯ އާންމުކޮށް އެ އަންހެން މީހާ ބުނެފައިވަނީ، އެ ފުރުސަތު ލިބުނީ ޕައިލެޓުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ޕައިލެޓަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް ފޮޓޯ އާންމު ކުރަމުން އަންހެން މީހާ ބުނެފައި ވެއެވެ.

މިއަހަރުގެ ކުރީކޮޅު ނަގާފައިވާ އެ ފޮޓޯ މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ގިނަ ބައެއްގެ ފާޑުކިއުން އެކަމަށް އަމާޒުވެފައި ވެއެވެ. މިކަމާއި ގުޅިގެން ހާދިސާ ހިނގި ފްލައިޓު އޮޕަރޭޓް ކުރާ އެއާ ގިއުލިން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވަކި ހާއްސަ ހުއްދައެއް ނެތި ފަސެންޖަރަކު ފްލައިޓު ދަތުރުކުރަމުން ދަނިކޮށް ކޮކްޕިޓަށް ވެއްދުމަކީ އެއާލައިނުގެ ޤަވާއިދާ ޚިލާފު ކަމެއް ކަމަށެވެ. އެހެންކަމުން އެ އަމަލު ހިންގި ޕައިލެޓާއި މެދު މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށް ބަޔާނުގައި އެ އެއާލައިނުން ބުނެފައި ވެއެވެ.

ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބުނެފައިވާ ގޮތުގައި، ފަސެންޖަރުން ފްލައިޓުގެ ކޮކްޕިޓަށް ވެއްދުމަކީ އެކަމުގެ ސަބަބުން ފްލައިޓުން ދަތުރުކުރާ އެހެން ހުރިހާ ފަސެންޖަރުންނަށްވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަކަށް ވާތީ، ހާއްސަ ހާލަތެއް މެދުވެރިވުމުން މެނުވީ ފަސެންޖަރުން ކޮކްޕިޓަށް އެރުވުމަށް ޕައިލެޓަށް ހުއްދަ ނުދެވޭނެ ކަމަށެވެ.

އެއާ ގިއުލިންގެ ފްލައިޓެއްގައި ހިނގި މި ހާދިސާ އާއި ގުޅިގެން ޕައިލެޓް ސަސްޕެންޑު ކޮށްފައިވާއިރު، މި މައްސަލައިގެ ތަހުޤީޤު ނިމެންދެން ޕައިލެޓުގެ އިތުރުން އެވަގުތު ފްލައިޓުގައި ތިބި އެއާލައިނުގެ ބައެއް އެހެން އޮފިޝަލުންނާ މެދުވެސް ފިޔަވަޅު އަޅާފައިވާ ކަމަށް ވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައިވެސް ޗައިނާގައި މިފަދަ ހާދިސާއެއް ފެންމަތިވެފައި ވެއެވެ. އެގޮތުން އެޤައުމުގެ ޑޮންހައި އެއާލައިންސްގެ ފްލައިޓެއްގެ ކޮކްޕިޓަށް ޕައިލެޓަކު އޭނާގެ އަނބިމީހާ ވެއްދި މައްސަލައެއް ހޫނުވެ، ހަމަސް ދުވަހަށް އޭނާ ސަސްޕެންޑުކޮށްފައި ވެއެވެ. އެ މައްސަލައިގައި އޭނާގެ ރޭންކް ވެސް ވަނީ ދަށްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު